ކަތުމަންޑޫ (ޖުލައި 14): ނޭޕާލުގެ އުވާލާފައިވާ ޕާލަމެންޓް އަލުން އަނބުރައި މަސައްކަތަށް ރުޖޫއަ ކުރުމަށް އެގައުމުގެ ސްޕްރީމްކޯޓުން އަމުރުކޮށްފިއެވެ.

ނޭޕާލުގެ ސްޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ ހަތް ދުވަހުގެ ތެރޭގައި ޕާލަމެންޓް އަލުން އަނބުރައި މަސައްކަތަށް ރުޖޫއަކޮށް ބޮޑުވަޒީރުކަމަށް ނޭޕާލީ ކޮންގްރެސް ޕާޓީގެ ރައީސް ޝީރް ބަހާދުރު ދޫބާ އައްޔަން ކުރުމަށެވެ.

ނޭޕާލުގެ ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީ އެންމެ ފުރަތަމަ ޕާލަމެންޓް އުވާލެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް ނޭޕާލުގެ ސްޕްރީމްކޯޓުން މިދިޔަ ފެބްރުއަރީމަހު ވަނީ އެއީ ގާނޫނާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅައި ޕާލަމެންޓުގެ މަސައްކަތް އަލުން ކުރިޔަށް ގެންދިޔުމަށް އަމުރުކޮށްފައެވެ.

ޝީރު ބަހާދުރު ދޫބާ

ނަމަވެސް އެއަށްފަހު މިދިޔަ މޭ މަހު 10 ވަނަ ދުވަހު ނޭޕާލުގެ ޕާލަމެންޓުގެ އަގުލަބިއްޔަތުން ކޭޕީ ޝަރުމާ ގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމާއެކު މޭ މަހުގެ 22 ވަނަދުވަހު އޭނާވަނީ އަނެއްކާވެސް ޕާލަމެންޓް އުވާލައި އަލުން އާންމު އިންތިޚާބެއް ބޭއްވުމަށް ނިންމިކަން އިއްލާނު ކުރައްވާފައެވެ.

ނޭޕާލުގެ ސްޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ ޕާލަމެންޓް އުވާލައްވާފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ވަނީ ބުނެފައެވެ. އަދި ޕާލަމެންޓްގައި އެއްވެސް ޕާޓީއަކަށް އަގްލަބިއްޔަތު ނެތިފައި ޕާލަމެންޓްގެ ގޮނޑިތައް ޕާޓީތަކުގެ މެދުގައި ބެހިފައިވާގޮތުން ދެން ސަރުކާރެއް އެކުލާވުމުގެ މަސައްކަތް ހަވާލުކުރުން ކުރަންޖެހޭނީ ނޭޕާލުގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީކަމަށްވާ ނޭޕާލީ ކޮންގްރެސް ޕާޓީގެ ރައީސް ޝީރް ބަހާދުރު ދޫބާ އަށް ކަމުގައެވެ.

މިއާއެކު ސަރުކާރެއް އެކުލަވާލުމުގެ ކަންތައް އޭނާއާ ހަވާލު ކުރުމަށްވެސް ސްޕްރީމް ކޯޓުންވަނީ ނޭޕާލުގެ ރައީސާ ބިދްޔާ ދޭވީ ގެ މައްޗަށް އަމުރުކޮށްފައެވެ. ޝީރު ބަހާދުރު ދޫބާއަކީ މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ނޭޕާލުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ތަޖްރިބާކާރު ބޭފުޅެކެވެ.