ސިޔާސީ ގޮތުން މާލެ ތެރޭގެ ކަންތައްތައް ހަލަބޮލިވުމުގެ ސަބަބުން ފަސްކުރި 15 ވަނަ އޮފީސް އަދި ކުންފުނިތަކުގެ ބާސްކެޓްބޯޅަ މުބާރާތް މިރޭ ފެށުމަށް ނިންމައިފި އެވެ. ކުރިން މިމުބާރާތް ފެށުމަށް ނިންމާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ)ގެ އޮފިސަލަކު ވިދާޅުވީ، މުބާރާތް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފެށުމަށް ނިންމި ކަމުގައި ވިޔަސް މުބާރާތް މިރެއަށް ފަސްކުރަން ޖެހުނީ މާލެ ތެރޭގެ ހާލަތު މިމަހުގެ ކުރީކޮޅު ހުރި ގޮތުން ކަމަށެވެ. އަދި މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ވާދަކުރާނީ ފުރަތަމަ ޑިވިޝަންގެ ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަނެވެ.

މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ޑިވިޝަން އަކަށް ބަހާލައިގެން އެއްބުރު ކުޅުމަށް ފަހު، ކޮންމެ ޑިވިޝަނަކުން އެންމެ މޮޅު ޓީމެއް ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ. އަދި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅިވަރު އެކުވެނި އައުޓްޑޯ ކޯޓުގަ އެވެ.

މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމްތަކަކީ ޖީއެމްއާރް މާލޭ އިންޓަނޭޝަނަލް އެއާޕޯޓާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސަސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެވެ.

ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ޓީމްތަކަކީ މާލޭ ހެލްތު ސާވިސަސް ކޯޕަރޭޝަނާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެ ޑެވެ.