ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަށް އިންޑިއާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެމިއޮންނާނެކަމުގެ ޔަގީންކަން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަރުވައިފިއެވެެ.

މޯދީ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ބޮޑުވަޒީރު މޯދީއާ ފޯނުން ވާހަކަދެއްކެވުމަށް ފަހު ކުރެއްވި ޓުވީޓެއްގައެވެ.

މޯދީގެ ޓުވީޓަށް ރިޕްލައި ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ގާތް އެކުވެރިޔެއް ކަމުގައިވާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ފޯނުން ވާހަކަދައްކަވައިލެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެެވެ.

އަދި ރައީސް ސޯލިހު ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އިންޑިއާއިން ދޭ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

އޭގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ ތަަރައްގީގެ މަޝްރޫއުތަކާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ކޮވިޑުގެ މި ހާލަތުގައިވެސް މަޝްރޫއުތަށް ގެންދާ ބާރުމިނާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ބޮޑުވަޒީރު މޯދީ ވަނީ އދ ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބު ވުމުން އެކަމަށްޓަކައި މަރުހަބާ ދަންނަވާފައެވެ.

ދެ ގައުމުގެ ވެރިން މިއަދު ކުރެއްވި މަޝްވަރާތަކުގެ ސަބަބުން ރާއްޖެއާއި އިންޑިޔާއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް މަގުފަހިވެފައިވާކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ބުނެފައެވެ.