ކޮވިޑް19 ކޮންޓްރޯލު ކުރުމަށް ރާއްޖޭގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަަރަށް ރަނގަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެެއްޖެއެެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ މަސައްކަތްތެރިއްނާ ބައްދަލުކުރައްވައި މިއަދު ހެނދުނު ދަރުބާރު ގޭގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އެޗްއީއޯސީގެ ބޭފުޅުން ވަނީ ރާއްޖޭގައި ކޮވިޑް19 އާއި ގުޅޭ ގޮތުން ހުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ނައިބު ރައީސް އަށް ތަފްސީލުކޮށްދެއްވާފައެވެ.

އެގޮތުނމް ނައިބު ރައީސް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކޮވިޑް-19 ގެ ބަލި މީހުންގެ އަދަދު މިހާރު ދަށްވެފައި އޮތުމުން ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅުކަމުގައި ފާހަގަ ކުރައްވައިފައެވެ. އެހެންނަމަވެސް އެ ފިޔަވަޅުތައް އަދިވެސް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރެވިދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުވާފައެވެ. އެގޮތުން މިހާރު އެތަންތަން ހިނގަމުންދާ ގޮތުގެ މައުލޫމާތު ހޯއްދަވައި މިހާރު އޮތް ހާލަތަށް ބަލައި ފެސިލިޓީތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ބައިވެރިވެވަޑައިގެން, ވެކްސިން ދެވޭ މީހުންގެ ނިސްބަތް އިތުރުކުރުމަށާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ބާރުއަޅުއްވަން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެޗްއީއޯސީއިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވަނީ މިހާރު ރައްޔިތުންނަށް ލުއި ދިނުމަށް އަޅާފައިވާ ފިޔަވަޅުތައް ތަފްސީލުކޮށްދެއްވާފައެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ނުދިއުމުގެ މުހިންމުކަމަށާއި، މޮނިޓަރިން އަށް ލާފައިވާ ރަށްތަކަށް ނުދިއުމަށް އެޗްއީއޯސީގެ ބޭފުޅުން ވަނީ ބާރުއަޅުއްވައި ވާހަކަ ދައްކަވައިފައެވެ.