ރަސްމީ ނިޒާމެއްގެ ތެރެއިން ސެޓްފިކެޓް ނެތި ފަންނީ މަސައްކަތް ކުރާ ފަރާތްތަކަށް ސަނަދެއް ދޭން ހަޔާ އެޑިއުކޭޝަނުން ނިންމައިފިއެވެ.

އެގޮތުން ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން، "ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަޓިފިކޭޝަން" ގެ ނަމުގައިގަވާއިދެއްއެކުލަވާލައި މިހާރު ވަނީ ގެޒެޓު ކޮށްފައެެވެ.

އެ ގަވާއިދަކީ ރަސްމީ ނިޒާމެއްގެ ތެރެއިން ސެޓްފިކެޓެއް ނެތި، އެއް ބާވަތެއްގެ ފަންނީ މަސައްކަތުގައި ނުވަތަ އެއް ވަޒީފާއެއްގައި ދެމިތިބޭ
މުވައްޒަފުންގެ ކިބައިގައި ވަޒީފާގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯ ބަލައި، މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުސަތު އެ މީހުންނަށް ހޯދައިދިނުމުގެ ގޮތުންނާއި، އެފަދަ ފަންނީ މަސައްކަތްކުރާ މީހުންގެ މަސައްކަތް ރަސްމީ ސިފައެއްގައި ބަލައިގަތުމުގެ ގޮތުން މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ގައުމީ ނިޒާމުގެ ތެރެއިން ޓްރޭޑް ޓެސްޓިން ދޭނެ އުސޫލެއް ގާއިމުކޮށް، އެ ފަރާތްތަކަށް ސަނަދު ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ކަންކަން ކަނޑައަޅާ ގަވާއިދެކެވެ.

އެ ގަވާއިދުގައިވާ ކަންކަން ތަންފީޒުކުރާނީ، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީންނެވެ.

ސަނަދު ލިބޭނީ އެފަރާތުން ދޭ ނޭޝަނަލް އެސެސްމަންޓަކުން ފާސްވުމުންނެވެ. އެ އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުގެ ކިބައިގައި، ވަކި ޝަރުތުތަކެއް ފުރިހަމާވަން ޖެހޭނެއެެވެ.

އެގޮތުން ރަަށު ފެންވަރުގައި ބަލައިގަންނަ މިންވަރަށް ފަންނީ ހުނަރުވެރި މަސައްކަތެއް ކުރާތާ މަދުވެގެން ފަސް އަހަރުދުވަސް ވެފައިވާ ފަރާތަކަށްވުން, ނުވަތަ ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ވަޒީފާއެއްގައި މަދުވެގެން ފަސް އަހަރުވެފައި ވުން ނުވަތަ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ޒަމާނުއްސުރެ ކޮށްއުޅޭ ދިވެހީންގެ ހާއްސަ މަސައްކަތްތައް ދިރުވައި އާލާކުރުމުގެ ގޮތުން އެ ރޮނގުން އެފަދަ މަސައްކަތް ގައުމީ ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ބަލައިގަންނަ މިންވަރަށް މަސައްކަތް ކުރާތާ ފަސް އަަހަރުވެފައިވާ ފަރާތެއްކަމުގައި ވުން ލާޒިމެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ އެ ގަވާއިދުގެ މަގްސަދަކީ ފަންނީ މަސައްކަތުގައި ނުވަތަ ވަޒީފާގައި ދެމިތިބޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ މަސައްކަތް ރަސްމީ ސިފައެއްގައި ބަލައިގަތުމަށް ނުވަތަ ފަންނީގޮތުން މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްގައި ކަނޑައަޅާ އެންމެހައި ހުނަރުތައް ހާސިލުވެފައިވާކަން ކަށަވަރުކޮށް، "ނޭޝަނަލް ސެޓިފިކެޓް" ހާސިލުކުރެވޭނެ މަގުފަހިކޮށްދިނުން ކަމަށެވެ.

އޭގެ އިތުރުން ގައުމުގެ އިގްތިސާދު ބާރަށް ހިންގުމުގެ ގޮތުން ފަންނީ ހުނަރުވެރި މަސައްކަތުގެ ދާއިރާއަކުން ސަނަދު ލިބިފައިވާ ދިވެހީން ވަޒީފާގެ ބާޒާރަށް އިތުރުކުރުމަކީވެސް އެ ގަވާއިދުގެ މަގްސަދެކެވެ.