ތެެހެރާން (ޖުލައި 14): އެމެރިކާގެ ނޫސްވެރިޔަކު ރަހީނު ކުރަން އުޅުމުގެ ދައުވާ އެގައުމުގެ ޖަސްޓިސް ޑިޕާޓްމެންޓުން އީރާނުގެ ހަތަރު މީހެއްގެ މައްޗަށްކޮށްފި އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން އީރާނުގެ ޖާސޫސީ އޭޖެންޓުން ކަމަށް ބެލެވޭ ބަޔަަކަށް ކުރި ދައުވާގައި، އެމީހުން ރަހީނު ކުރަން އުޅުނީ ކާކު ކަމެއް ބުނެފައި ނުވެ އެވެ. ނަމަވެސް އީރާނަށް އުފަން ނޫސްވެރިއެއް ކަމަށްވާ މަސީހު އަލީނިޖާދު ވަނީ އެމީހުންގެ އަމާޒަކަށްވީ އޭނާ ކަމަށް ބުނެފަ އެވެ.

އަލީނިޖާދު ބުނި ގޮތުގައި އޭނާއަށް އީރާނުގެ ސަރުކާރުގެ ފާޑު ކިޔުން އަމާޒުވީ އެގައުމުގައި އަންހެނުން ބުރުގާ އެޅުން ލާޒިމު ކުރާ ގާނޫނުތަކާ ދެކޮޅަށް މުޒާހަރާ ކުރާ މީހުންގެ ވާހަކަތައް ގެނެސްދިނުމުންނާއި އެގައުމުގައި ސަރުކާރާ ދެކޮޅަށް 2019 ވަނަ އަހަރު ކުރި މުޒާހަރާތައް ކަވަރު ކުރުމުންނެވެ.

ޖަސްޓިސް ޑިޕާޓްމެންޓުގެ ދައުވާގައިވާ ގޮތުން، އީރާނުގެ ހަތަރު ބަޔަކު ވަނީ ޕްރައިވެޓް އިންވެސްޓިގޭޓަރުން މެދުވެރިކޮށް ނޫސްވެރިޔާ އާއި އޭނާގެ އާއިލާއަށް ޖާސޫސުކޮށްފަ އެވެ. އަދި އެމީހުންގެ އަމާޒަކަށްވީ އޭނާ ރަހީނު ކޮށްގެން އެމެރިކާއިން ބޭރަށް ގެންދިޔުމެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގައި އުޅޭ މީހަކާއި ކެނެޑާގައި އުޅޭ ތިން މީހަކަށްވެސް އޮޅުވާލައިގެން އެމީހުން އީރާނަށް ގެންދަން އެ ހަތަރު މީހުން ރޭވި ކަމަށް އެމެރިކާއިން ދައުވާ ކުރެ އެވެ.

އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި ދައުވާ ލިބޭ ހަތަރު މީހުންވެސް ތިބީ އީރާނުގަ އެވެ. އަދި އެމީހުން މަސައްކަތް ކުރީ އެގައުމުގެ ސަރުކާރުގެ އިރުޝާދުގެ ދަށުން ކަމަށާއި އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ބުނެފަ އެވެ.