18 Feb 2012, 15:25
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރީތައް ވުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދީގެން މިހާރު ފަށައިފައިވާ އެއް މަސައްކަތަކީ ޓެކްނިކަލް ފުޓްބޯޅައެއް ކުޅުންތެރިންލައްވާ ކުޅުވުމަށް ކަމަށް ވިޔަންސާގެ ހެޑް ކޯޗް އަހުމަދު މުޖްތަބާ (ފެސްކޯ) ބުނެފި އެވެ.
ސަން މީޑިއާ ގްރޫޕަށް މިއަދު ދިން އިންޓަވިއުއެއްގައި ފެސްކޯ ބުނީ، ސީޒަނާ ކުރިމަތިލާ އިރު ވިޔަންސާގެ ކުޅުމުގެ ސްޓައިލަށް މާބޮޑު ބަދަލުތަކެއް ނަޔަސް، ކުލަބްގެ ކުޅުން ހުންނާނީ ވަރަށް ޓެކްނިކަލް ގޭމެއްގެ ގޮތުގައި ކަމަށެވެ. އަދި ޓެކްނިކަލް ފުޓްބޯޅައެއް ކުޅުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުޅުންތެރިންލައްވައި މިހާރު ފަށައިފައިވާ ކަމަށް ފެސްކޯ ބުންޏެވެ.
"ވިޔަންސާގެ ކުޅުން ވަރަށް ޓެކްނިކަލީ ވާނެ. މިހާރު ވެސް މަސައްކަތް ފާށާފައި ވާނީ ކުޅުންތެރިން ލައްވާ ޓެކްނިކަލީ ގޭމެއް ސީޒަންގައި ދެއްކުމަށް،" ފެސްކޯ ބުންޏެވެ.
ޒުވާން ގިނަ ކުޅުންތެރިންގެ ސްކޮޑަކާ އެކު ސީޒަނާ ކުރިމަތިލި ކަމުގައި ވިޔަސް، ވިޔަންސާއަކީ ސީޒަނުގައި އިދިކޮޅަށް ނިކުންނަ ކޮންމެ ފެންވަރެއްގެ ޓީމަކާ ކުރިމަތި ލެވޭ ވަރުގެ ޓީމެއް ކަމަށް ވެސް ފެސްކޯ ވަނީ ބުނެފައިވެ އެވެ.
ފެސްކޯ ބުނީ، ސީޒަންގައި ވާދަކުރުމަށް ވިޔަންސާ އިން ނިންމީ، އިދިކޮޅަށް ނިކުންނަ ކޮންމެ ޓީމަކާ އެކު ވާދަކޮށްލުމުގެ ހިތްވަރު ކުޅުންތެރިންގެ ކިބައިގައި ހުރުމުން ކަމަށެވެ. އަދި ނިމިގެން ދިޔަ ސީޒަނަށް ވުރެ ކުރިއަށް އޮތް ސީޒަނީ ފުޓްބޯޅައިގެ ފޯރި އިތުރަށް ވަރުގަދަ ވެގެން ދާނެ ސީޒަނަކަށް ވުމުން މިފަހަރުގެ އަމާޒެއްގެ ގޮތުގައި ވިޔަންސާ އިން ކަނޑައަޅާފައިވާ ފުރަތަމަ ޓާގެޓަކީ ގަދަ ހަ އެއްގެ ޖާގަ ހޯދުން ކަމަށް ފެސްކޯ ބުންޏެވެ.
މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަން ނިންމާލި އިރު، ވިޔަންސާ އޮތީ ސީޒަންގެ އެންމެ ފުލުގަ އެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ މާޗު މަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައި ވަނީ މިދިޔަ ސީޒަންގައި އެންމެ ކާމިޔާބު ދެ ކުލަބު ކަމަށްވާ ވީބީ އާއި ވިކްޓަރީގެ މެޗުންނެވެ