19:00


ގުއަންޓަނާމޯ ބޭ ޖަލުން ރާއްޖެއަށް މީހުން ގެންނައުމާ ބެހޭ މައުލޫމާތު، ސަލާމަތީ ބާރުތަކަށާއި ފުލުހުންނަށް ސަރުކާރުން ދީފައިނުވާ ކަމަށް އެ ފަރާތްތަކުގެ އިސްވެރިން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ވިދާޅުވެފައިވާ ކަމަށް އެ މައްސަލަ ދިރާސާކުރި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.


ކޮމިޓީގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން، ޔާމީން ވިދާޅުވީ، އެ މައްސަލައާ ބެހޭ މައުލޫމާތު އޮޅުންފިލުއްވުމަށް، އެޓާނީ ޖެނެރަލް ހުސްނުސުއޫދުގެ އިތުރުން، ފޮރިން މިނިސްޓަރ ޑރ. އަހްމަދު ޝަހީދުގެ އިތުރުން، ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި އެމްއެންޑީއެފްގެ ޗީފް މޭޖަ ޖެނެރަލް މޫސާ އަލީ ޖަލީލު އެ ކޮމެޓީ އަށް ހާޒިރުކުރެއްވި ކަމަށެވެ. އަދި މި ކަމަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ވެދާނެ ކަމެއް ކަމަށް، ކޮމިޓީން ނިންމާފައިވާ ކަމަށާއި، މިކަން ކުރުމުން ދިވެހި ރައްޔިތުން ކަންބޮޑުވާ ކަމަކަށް ވެފައި، ރައްޔިތުން އިލްތިޒާމްތަކެއް އުފުލަންޖެހޭ ކަމަކަށް ވާތީ މި ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދައިގެން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް ގަރާރެއްގައި އެކަށައަޅައި އެ ގަރާރު މަޖިލީހަށް ހުށަހެޅުމަށް ރިޕޯޓްގައި ވާނެ ކަމަށް ވިދާޅުވެ އެކަމާ ބެހޭ އިތުރު ތަފްސީލް ޔާމީން ދެއްވި އެވެ.


ޔާމީން މި ރިޕޯޓް ހުށަހެޅުއްވުމާ ގުޅިގެން ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ޔާމީނަށާއި ރިޕޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި އެވެ. އަދި މ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ނޫން ކަމަށް ވިދާޅުވެ މި ރިޕޯޓް އެކުލަވާލުމުގައި މުގައްރިރު ނުފޫޒު ބޭނުންކުރައްވާފައިވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި މިއީ ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރުގެ ސިއްރުތަކެއް ހާމަކުރުން ކަމަށް ވިދާޅުވެ މިކަމުގައި ސިއްރުކުރަންޖެހޭ ލިއުންތަކެއް ވޭތޯ ބެލުމަށް 241 ކޮމިޓީއަށް އެތަކެތި ފޮނުއްވުމަށް ވެސް އެ މެންބަރުން އެދިވަޑައިގެންނެވި އެވެ.


ނަމަވެސް އެމްޑީޕީގެ މެންބަރުންނަށް ރައްދު ދެއްވައި، މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވި، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ، ސަރުކާރުން އެކަން ކުރަން ނިންމާފައިވާކަމުގެ ވަރަށް ގިނަ ހެކިތައް ރިޕޯޓުން ދޭހަވާ ކަމަށެވެ. އަދި އެ ރިޕޯޓްގައިވާ ބައެއް ކަންތައްތައް އަލީ ވަހީދު ހާމަކޮށްދެއްވި އެވެ.