14 Jul 2021, 11:10
ކ. ކާށިދޫއިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންއަށް ލައިފިއެވެ.
ކާށިދޫ މޮނިޓަރިންއަށް ލާފައިވާކަން ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވަނީ "ސަން" އަށް ކަށަވަރުކޮށްދީފައެވެ. އާމިރު ވިދާޅުވީ އެ ރަށުން ޕޮޒިޓިވް ވެފައިވަނީ ބަލީގެ އަލާމާތްތައް ހުރެގެން އެ ރަށު ފްލޫ ކުލިނިކަށް ދެއްކި ދެ ބިދޭސީން ކަމަށެވެ.
އަދި އެ ދެމީހުން ޕޮޒިޓިވްވުމާއެކު ރަށް މޮނިޓަރިންގް އަށް ލާފައިވާކަން އެޗްޕީއޭއިން އަންގާފައިވާކަމަށެވެ.
އާމިރު އިތުރަށް ވިދާޅުވީ ޕޮޒިޓިވްވި މީހުންނަކީ މާލެއިން އައި ބައެއް ނޫންކަމަށާއި އެއީ އެ ރަށުގައި މަސައްކަތްކުރާ ބައެއްކަމަށެވެ.
"މިއީ ކޮވިޑް-19 އާ ގުޅިގެން ރަށް މޮނިޓަރިންގެ ހާލަތަށް ލީ ދެވަނަ ފަހަރު،" އާމިރު ވިދާޅުވިއެވެ.
އާ ކޭސްތަކެއް އަނެއްކާވެސް ފެނުމާއެކު ރައްކާތެރިވުމުގެ ގޮތުން ކުރިންވެސް އަޅާފައިހުރި ހުރިހާ ފިޔަވަޅުތަކެއް އަލުން އިއާދަކުރުމަށް ނިންމާފައިވާކަމަށް އާމިރު ވިދާޅުވިއެވެ.
އާމިރު ވަނީ މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވެސް ކުރިޔަށް ދާކަމަށްވެސް ވިދާޅުވެފައެވެ. އަދި ރަށުގެ އާންމު ހާލަތު ރަނގަޅު ނަމަވެސް ބަލި އިތުރަށް ފެތުރުން ކުޑަކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތައް ކުރައްވާނެކަމަށެވެ.
ކާށިދޫއިން އާ ކޭސްތަކެއް މި ފެނުނީ އެއް މަސް ދުވަހަށްވުރެ ގިނަ ދުވަސް ފަހުންނެވެ.