މިދިޔަ އޭޕްރީލް މަހު ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށް ދެވަނަ ޑޯޒްގެ އެޕޮއިންޓްމެންޓް ދޫކުރަން ފަށައިފިއެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް މިހާރު ޖަހައިދެނީ ހަަމައެކަނި އެޕޮއިންޓްމަންޓް އުސޫލުންނެވެ. އެގޮތުން މިދިޔަ ފެބްރުއަރީ އިން ފެށިގެން މާޗުގެ 15 ގެ ނިޔަލަށް ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް މި މަހުގެ ފަސްވަނަ ދުވަހު ދެވަނަ ޑޯޒް ދޭން ވަނީ ފަށާފައެވެ.

އެޗްޕީއޭ އިން މިއަދު ބުނީ މިދިޔަ އެޕްރީލް މަހުގެ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް މިހާރު ދެވަނަ ޑޯޒް ޖެހުމަށްޕޯޓަލްމެދުވެރިކޮށް އެޕޮއިންޓްމަންޓު ހެއްދޭނެ ކަަމަށެވެ.

ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހަދާފައިވާ ވަގުތަށް ނާދެވިއްޖެނަމަ ބުކިންގ ކެންސަލްވާނެއެވެ. އެހެން ވެއްޖެނަމަ ޖެހޭނީ އެހެން ދުވަހަކަށް އަލުން އެޕޮއިންޓްމަންޓް ހަދަން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ކޮވިޝީލްޑަކީ ރާއްޖޭގައި ކޮވިޑް-19 އާ ދެކޮޅަށް އެންމެ ފުރަތަމަ ޖަހަންފެށި ވެކްސިން ކަމަށް ވާއިރު މި މަހު ކޮވިޝީލްޑުގެ އިތުރު 60,000 ޑޯޒް ވަނީ ރާއްޖެ ގެނެސްފައެވެ.