14 Jul 2021, 09:12
އިންޑިއާއިން ކޮވިިޑް-19 ވެކްސިން ގަތުމަށް ހެދި ޑީލާ ގުޅިގެން ބްރެޒިލްގެ ރައީސް ޖެއިރް ބޮލްސޮނާރޯގެ މައްޗަށް ތަހުގީގު ހިންގަން ފަށައިފިއެވެ.
މި ތަހުގީގު ހިންގަން ފަށައިފައިވަނީ އެ ގައުމުގެ ސުޕްރީމްކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ. މި ތަހުގީގު ހިންގަމުން އަންނަނީ އެ ގައުމުގެ ފެޑަރަލް ޕޮލިހުންނެވެ.
ބޮލްސޮނާރޯގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން އިންޑިއާއިން ވެކްސިން ގަތުމަށް އެ ގައުމުގެ ބާރަތު ޓެކް ކުންފުންޏާއެކު ހެދި އެއްބަސްވުމުގައި ބޮޑެތި އޮޅުވާލުންތަކެއް އެކުލެވިފައިވާކަމުގެ ތުހުމުަތު އޭނާގެ ބޮލުގައިވަނީ އެޅުވިފައެވެ.
ހަމައެއާއެކު މިދިޔަ ފެބްރުއަރީ މަހު ހެދި އެ ޑީލުގައި ވެކްސިން ގަތުމަށް އެއްބަސްވެފައިވަނީ އަސްލު އަގަށްވުރެ އެތައް ގުނައެއް ބޮޑުކޮށްކަމުގު ތުހުމަތުވެސް ކުރެވިފައިވެއެވެ. އެގޮތުން އެ ޑީލު ހަދާފައިވަނީ 316 މިލިއަން ޑޮލަރަށް ކޮވިޑް ވެކްސިންގެ 20 މިލިއަން ޑޯޒް ގަންނަ ގޮތަށެވެ.
ބްރެޒިލްގެ ސެނެޓް ކޮމިޝަނުންވެސް މި މައްސަލައިގައި ތަހުގީގު ވަނީ ފަށާފައެވެ. އެގޮތުން އެކޮމިޝަނުން ތުހުމަތު ކުރާ ގޮތުގައި އެ ސަރުކާރުގެ ތެރެއިން ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތުގައި ކޮރަޕްޝަން އެކުލެވިގެންވާކަމުގެ ތުހުމަތު އަންނަނީ ކުރަމުންނެވެ. އަދި ބްރެޒިލްގެ ރައީސްއަށް އެ ކަންކަމުގެ މައުލޫމާތު ކުރިން އެރުވިފައިވީ ނަމަވެސް މާ ބޮޑު ސަމާލުކަމެއް ދީފައިނުވާކަމަށްވެސް ސެނެޓް ކޮމިޝަނުން ބުނެފައިވެއެވެ.
އިންޑިއާގެ ބާރަތު ޓެކް ކުންފުންޏާއެކު ވެކްސިން ގަތުމަށް ހެދި ޑީލުގައިހުރި ބޮޑެތި ގޯސްތައް ފެންމަތިވުމާއެކު މިހާރުވަނީ އެ ޑީލުގެ ތެރެއިން ވެކްސިން ގަތުން މަޑުޖައްސާލާފައެވެ.
ހަަމައެއާއެކު ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ ވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ. ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 މެނޭޖުކޮށް ކޮންޓްރޯލްކުރުމުގައި އެންމެ ދޯދިޔާކޮށް ކަންކުރި ލީޑަރެއްގެ ގޮތުން ދުނިޔެއަށް ފާހަގަކުރެވިފައިވަނީ ޖެއިރް ބޮލްސޮނާރޯއެވެ.
މިކަމާ ގުޅިގެން އެ ގައުމުގެ އެތައް ބަޔަކު އަންނަނީ އޭނާއާމެދު ނުރުހުން ފާޅުކުރަމުންނެވެ.