"އިންސާފުގެ ދަތުރު"ގެ ނަމުގައި އެމްޑީޕީން އިއްޔެ ހަވީރުން ފެށިގެން ކުރިއަށް ގެންދިޔަ އެ ޕާޓީގެ ބޮޑު މުޒާހަރާގެ ރަސްމީ ހަރަކާތްތައް ގޮސްފައިވަނީ ރޭ 12:00 ޖެހުމާއި ހަމައަށް ކަމަށް އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.

ޑރ. ޑީޑީ ވިދާޅުވީ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން އިއްޔެ "އިންސާފުގެ ދަތުރު"ގެ ބޮޑު މުޒާހަރާ މާލޭގެ ލޮނުޒިޔާރަތް ކޮޅުގައި އިއްޔެ ހަވީރު 4:00 ން ފެށިގެން ކުރިއަށް ގޮސް ރޭގެ ދަންވަރު 12:00 އަށް ރަސްމީ ހަރަކާތްތައް ނިމިފައިވާ ކަމަށާއި އޭގެ ފަހުގައި އެ ސަރައްދުގައި ކުރިއަށް ގޮސްފައިވަނީ އެމްޑީޕީގެ ރަސްމީ ހަރަކާތްތަކެއް ނޫން ކަމަށެވެ.


"އަޅުގަނޑުމެން ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ރަސްމީ ހަރަކާތްތައް ރޭގެ ބާރަ ޖެހުމާއި ހަމައަށް ވަނީ ނިމިފައި. އޭގެ ފަހުގައި ވެސް އެ ސަރަހައްދުގައި ހަރަކާތްތައް ހިނގަމުންދިޔަ. އެހެން ނަމަވެސް އެއީ ޕާޓީގެ ރަސްމީ ގޮތަށް ކުރިއަށް ދިޔަ ހަރަކާތްތައް ނޫން. އެ ބޭފުޅުން ހިޔާލު ފާޅުކުރަމުން ގެންދިޔައީ،" ޑީޑީ ވިދާޅުވި އެވެ.

ބޮޑު އެއްވުމުގެ ނަމުގައި އިއްޔެ ފެށި މުޒާހަރާ މިއަދާ ހަމައަށް ވަނީ ދިގު ދެމިގެން ގޮސްފަ އެވެ. އަދި މުޒާހަރާ ދެވަނަ ދުވަހަކަށް ދިގުލައިގެން ދިޔައިރު އަވަސް އިންތިހާބެއް ބާއްވާނެ ތާރީހެއް ނުދެނީސް މުޒާހަރާ ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރުން ވަނީ ރޭ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އަދި އެމްޑީޕީގެ ގިނަ އަދެއްގެ މެންބަރުންނާއި ޕާޓީގެ ބައެއް އިސްވެރިން ލޮނު ޒިޔާރަތް ކޮޅު ސަރަހައްދުގައި ރޭ ނިދާފައިވާއިރު އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު ހެނދު ހެނދުނާ މުޒާހަރާގައި ސަރަހައްދަށް ވަޑައިގެންފަ އެވެ. އމިހާރުވެސް އެމްޑީޕީ މެންބަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދެ އެވެ.