14 Jul 2021, 09:33
އެމްޑީޕީ ދެފަޅިކޮށްލައިގެން ވާނެ ފައިދާއެއް ނެތް ކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު މޫސާ އަލީ މަނިކު (މޫކެ) ވިދާޅުވެއްޖެއެވެ. މޫސާ މިހެން ވިދާޅުވީ ޕީޕީއެމްއާއެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ފާޅުކުރެއްވުމަ ގުޅިގެންނެވެ.
މަގުހެދުމުގެ މަޝްރޫއުތައް ހިންގާ ސަރުކާރުގެ ކުންފުނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ މެނޭޖިންގް ޑިރެކްޓަރުކަންވެސް ކުރައްވާ މޫސާ އަލީ މަނިކު "ސަން"އަށް ވިދާޅުވީ މިހާރުގެ ސަރުކާރުން ކޯލިޝަނެއް ހަދައިގެން ވެރިކަމަށް އައީ ކުރީގެ ރައީސް އަބްދުالله ޔާޏީންގެ ވެރިކަމުގެ "ވައްކަންތަކާއި އަނިޔާވެރިކަމުން" ސަލާމަތްވުމަށް ކަމަށެވެ. އެހެންކަމުން އެއްބަޔަކު އަނެއް ބަޔަކަށް ވައުދުތަކެއް ވެގެން ވެރިކަމަށް އައުމަށްފަހު އެ ވައުދުތައް އުވާލަން ނުޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮންކަމެއް ހާސިލް ނުވެގެން، ރައީސް ޔާމީން ކައިރިން ވަކި މޮޅު ކަމެއް ލިބޭތީ ތޯ ދާން މި ޖެހެނީ، އެއެއް ދެން އަޅުގަނޑަށް ސާފު [ނުވޭ]. އަދި ގޮސްގެންވެސް ރައީސް ޔާމީންއާއެކީގައި މި ގައުމަށް، ރާއްޖެއަށް އަދި އެމްޑީޕީއަށްވެސް, އެމްޑީޕީ މެމްބަރުންނަށް ވެސް ރަނގަޅު ގޮތެއް ވާތަނެއް އަޅުގަނޑަކަށް ނުފެނޭ،" މޫކޭ ވިދާޅުވި އެވެ.
އަދި ރައީސް ޔާމީނާއެކު ކުރާ ސިޔާސީ މަސައްކަތްތަކެއްގައި ބައިވެރިވެވަޑައި ނުގަންނަވާނެކަމަށްވެސް މޫސަ ވިދާޅުވިއެވެ.
އެހެން ނަމަވެސް ޕާޓީގެ ގުނަވަނަކުން އެކަމެއް ކުރަން ނިންމައިފި ހާލަތެއްގައި އެކަމަކާ ދެކޮޅު ނުހައްދަވާނެ ކަމަށްވެސް އޭނާ ވިދާުޅުވިއެވެ.
މޫކޭ ވިދާޅުވީ ޕާޓީގެ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ވާ ގޮތުން، އެ އިރަކު ވެރިކަމުގައި ހުންނަ އެމްޑީޕީގެ މެމްބަރަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރުކަމަށާއި 2008 ގައިވެސް އެކަން އޮތީ އެގޮތަށް ކަމަށެވެ. އެހެންކަމުން މިހާރުވެސް އޭނާ ހުންނެވީ އަސާސީ ގަވައިދާ އެއްގޮތަށް ޕާޓީގެ އެންމެ އިސްލ ލީޑާރާއެކު ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ހަރުކަށި ފިކުރުގެ މީހުން އުޅޭ ވާހަކައަށް ރައްދު ދެއްވައި މޫކޭ ވިދާޅުވީ ޓެރަރިޒަމް އާއި ހަރުކަށި ފިކުރާއި އެ ކަންކަމަކީ ގާނޫނީ ގޮތުން ވެސް ކުށެއް ކަމަށެވެ. އެހެންކަމުން އެފަދަ މައުލޫމާތެއް ހުރިނަމަ ހިއްސާކުރަން ޖެހޭ ދައުލަތުގެ އިދާރާތައް ހުންނާނެ ކަމަށެވެ.
"ހާއްސަކޮށް އެމްޑީޕީގެ މެމްބަރަކާ ދޭތެރޭ ނުވަތަ އެމްޑީޕީގެ މެމްބަރުން ތަކަކާ ދޭތެރޭ އެފަދަ ބޮޑު ތުހުމަތު ތަކެއް އޮތީވިއްޔާމުން ޕާޓީގެ އެތެރޭގަވެސް އެބަހުރި ނިޒާމުތަކެއް ހަމަޖެހިފައި، އެފަދަ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅާނެ ގޮތް،"
އެހެންކަމުން އެފަދަ ކަމެއް ޕާޓީގެ ތެރެއިން ހައްލު ނުކޮށް ރައީސް ޔާމީންގެ އެހީތެރިކަމަށް އެދެން ޖެހޭ ހާލަތެއް އަންނާނެ ކަމަކަށް ގަބޫލެއް ނުކުރައްވާކަމަށް މޫކޭ ވިދާޅުވި އެވެ. އަދި އެމްޑީޕީ ދެފަޅިކޮށްލައިގެން ވެރިކަމަށް ލޮޅުން އަރުވައިގެން، ވެރިކަން ވައްޓާލައިގެން އެކިގޮތްގޮތަށް އަނބުރާލަން ކުރެވޭ މަސައްކަތުގައި އެމްޑީޕީއަށް އަދި އެމްޑީޕީގެ މެމްބަރަކަށް ވެސް ވާނެ ފައިދާއެއް ނޯންނާނެ ކަމަށް މޫކޭ ވިދާޅުވި އެވެ.