18 Feb 2012, 14:32
ރާއްޖޭ ސިޔާސީ މަސްރަހަށް ކުރިމަތިވެފައިވާ މައްސަލަތަކާމެދު މަޝްވަރާކުރަން ރާއްޖެ ވަޑައިގެންނެވި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ވަފުދުގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި ދައުލަތުގެ އިސް ބައެއް ވެރިންނާ ބައްދަލުކުރައްވަން ފައްޓަވައިފި އެވެ.
އެގޮތުން މިވަފުދުގެ ބޭފުޅުން މިއަދު ހެނދުނު ވަނީ ރައީސް ޑރ. ވަހީދުއާ ރައީސް އޮފީހުގައި ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތަފްސީލު ވަފުދުގެ ބޭފުޅުންނަށް ރައީސް ދެއްވި އެވެ.
އެ ބައްދަލުކުރެއްވުމުގައި ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، އެ ބޭފުޅުންގެ މިދަތުރުފުޅުގެ މަގުސަދަކީ، ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު ހޯއްދެވުން ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވެރިކަން ބަދަލުވެގެން ދިޔަ ގޮތުގެ ފުރިހަމަ ތަހުގީގެއް ހިންގެވުމަށްޓަކައި ކުރެއްވެން ހުރި ކަންކަން ބައްލަވަމުން ގެންދަވާ ކަމަށާއި ވަފްދުގެ ބޭފުޅުންނަށް ހުރިހާ ގޮތަކުން ވެސް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ކަންކަން ހައްލު ކުރެއްވުމަށް ގާނޫނީ ހުދޫދުގެ ތެރެއިން ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ވަފްދުގެ ބޭފުޅުންނަށް ރައީސް ދެއްވި އެވެ.
މީގެއިތުރުން މި ސަރުކާރުން އެކުލަވާލާފައިވާ މަގުޗާޓުގެ މައުލޫމާތު ވަފްދުގެ ބޭފުޅުންނަށް ދެއްވަމުން ޑރ. ވަހީދު ވިދާޅުވީ ސިޔާސީ ހުރިހާ ޕާޓީތަކެއްގެ އެއްބާރުލުން ހާއްސަކޮށް އެމްޑީޕީގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ކެބިނެޓުގައި އެމްޑީޕީ ހިމަނުއްވަން ނިންމަވައި އެކަން ވެސް އެ ޕާޓީއަށް އަންގަވާފައިވާނެ ކަމަށާއި ސަރުކާރުގައި އެމްޑީޕީ ބައިވެރިވުން ވަރަށް މުހިންމު ކަމަށެވެ.
ކޮމަންވެލްތުގެ ބޭފުޅުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާ ވެސް ބައްދަލުކުރައްވާފަ އެވެ. މިބައްދަލުވުމުގައި މިނިސްޓާ އޮފް ފޮރިން އެފެއާޒް އެންޑް ކޮމިއުނިކޭޝަން އޮފް ޓްރިނިޑާޑް އެންޑް ޓޮބޭގޯ ޑރ. ސުރުޖުރަތަން މރ. ރާމްބަޗަން އާއި ބަންލަދޭޝްގެ ފޮރިން މިނިސްޓާ ޑރ. ޑީޕޫ މޮނި އާއި އޮސްޓްރޭލިއާގެ ފޮރިން ސެކެޓްރީ މރ. ޑެނިސް ރިޗާޑްސަން އާއި ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު އާއި ކޮމަންވެލްތް ސެކްޓޭރިއެޓްގެ ޑިރެކްޓާ އޮފް ޕޮލިޓިކަލް އެފެއާޒް މރ. އާމިތާވް ބަނެރްޖީ އަދި ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ އިތުރު ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމަންވެލްތުން ރާއްޖެ ވަޑައިގެންނެވި ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ ޓްރިޑާޑް އެންޑް ޓޮބޭގޯގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް އެންޑް ކޮމިއުނިކޭޝަންސް ސުރަޖްރާޓަން ރަބަޗަން އެވެ.
ރާއްޖޭގެ ރައީސް ކަމުގައި ހުރިން ހުންނެވި ރައީސް ނަޝީދު މިމަހުގެ ހަތް ވަނަ ދުވަހު އިސްތިއުފާ ދެއްވި ހާދިސާއާ ގުޅިގެން، އެކަމާ ގުޅުން ހުރި އެންމެހާ ފަރާތްތަކާ އެކު ކޮމަންވެލްތުގެ މިނިސްޓަރުންގެ ވަފުދުން މަޝްވަރާކުރައްވާނެ ކަމަށް ކޮމަންވެލްތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.