13 Jul 2021, 20:12
ށ.ފޯކައިދުއިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށެވެ.
އެހެންކަމުން އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން އެރަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް އަހުމަދު އާސިފް "ސަން"އަށް ވިދާޅުވީ އެ ރަށުން ޕޮޒިޓިވްވެފައިވަނީ އިއްޔެ ހަވީރު ޑޮކްޓަރަށް ދެއްކި އަންހެނެއްކަމަށެވެ.
"އޭނައަކީ އަނެއްހެން މި ރަށު ތެރޭ އުޅުނު މީހެއް ވީމަ ރޭންޑަމްކޮށް ޕޮޒިޓިވްވި މީހެއް ކަމަށް ދެއްތޯ ބަލާނީ،" އާސިފް ވިދާޅުވިއެވެ.
މިކޭސްއާ ގުޅިގެން ރަށުގައި ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްވެސް ކުރަން ފަށާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި މޮނިޓަރިން އަށް ލުމާއެކު ޒަރޫރީ ބޭނުންތައް ފިޔަވާ އެނޫން ކަންކަމަށް ގެއިން ބޭރަށް ނުނިކުތުމަށްވެސް ކައުންސިލުން އަންގާފައިވާކަމަށް ފޯކައިދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ރައްޔިތުންގެ ކިބައިން އެދޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިވަގުތު އެރަށުގައި 33 ގެއަކުން 66 މީހުން ކަރަންޓީނު ކުރެވިފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އާސިފް އިތުރަށް ވިދާޅުވީ މިރޭ އެކަނި 46 ސާމްޕަލް އެ ރަށުން ނެގުމަށް ހަމަޖެހިފައިވާކަމަށެވެ.
ފާއިތުވި 24 ގަޑިއިރުތެރޭ ރާއްޖެއިން ވަނީ ޖުމްލަ 91 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 23 މީހުންނާއި އަތޮޅުތަކުން 61 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ހަތް މީހުންނެވެ.
ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 75،162 އަށް ވަނީ އަރާފަ އެވެ.