14 Jul 2021, 09:00
ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަންނަވަނީ ރާއްޖޭގައި ހަމަހަމަކަމާއި އަދުލު އިންސާފު ގާއިމްވެފައި އޮތުމަށްޓަކައި, މެދުމިނުގެ ދީނީ ސިޔާސަތެއް ގެންގުޅޭ އިއްތިހާދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއިލް "ސަން"އަށް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރައީސް އުޅުއްވަނީ ވަކި ބޭފުޅެކާ ގުޅިގެން މަސައްކަތްކުރައްވާކަށް ނޫނެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ކޮންމެ ހެން ނަޝީދު އެ ވިދާޅުވީކީ ޔާމީނާއެކު މަސައްކަތް ކުރަން ބޭނުމެކޭ ނޫން. ރައީސް ވިދާޅުވީ ތިމަންނާ އިއްތިހާދު ވާން ބޭނުން ވަނީ މިވެނި މިވެނި ކަންކަމަކަށް މަސައްކަތް ކުރާނެ ބަޔަކާ ގުޅޭށޭ. އެހެން ވީމަ ޕީޕީއެމަށް ވެސް އެ ފުރުސަތު އެބައޮތޭ،" މީކާއީލް ވިދާޅުވި އެވެ.
ރައީސް ނަޝީދު ޓްވިޓާ މެދުވެރި ކުރައްވާ ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ހަމައެކަނި ވިސްނުމަކީ ރާއްޖެ ސަލާމަތް ކުރުން ކަމަށެވެ. އޭގެ އިތުރުން ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީއަށް އާ އިއްތިހާދެއް ބޭނުންވާ ކަމަށެވެ.
މީކާއީލް ނަސީމް ވިދާޅުވީ ބޮމުގެ ހަމަލާއަށް ފަހު ނަޝީދުގެ ތަސައްވުރު ކުރިއަށް ވުރެ ސާފު ވެއްޖެކަމަށާއި އަވަސް އަވަހަށް އެފަދަ ނިންމެވުންތައް ނިންމަވަނީ އެހެން ވެގެން ކަމަށެވެ.
"މިހާރު އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި ސިޔާސީ ބޭނުމަށް ވުރެ އިސް ކުރަން މި ޖެހެނީ ދިރިހުރުމުގެ ހައްގު،" މީކާއީލް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އިންސާފު ނުލިބޭކަން ފާހަގަ ކުރައްވާ މީކާއީލް ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައިގައި ރައީސް ޔާމީން އެކަނި ޖަލަށް ލުމަކީ އިންސާފު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ނަޝީދު އެ ވިދާޅުވަނީ އެމްއެމްޕީއާރުސީ މައްސަލައިގަ ހަމައެކަނި ޔާމީން ޖަލަށް ލުމަކީ އިންސާފެއް ނޫނޭ. އަޅުގަނޑަށް އޭގެން ދޭހަ ވަނީ އިންސާފު ހަގީގަތުގަ ގާއިމް އެއް ނުކުރެވެޔޭ. އެންމެ މީހަކު ޖަލަށް ލައިގެން ސަރުކާރަށް އޭގެން ހާސިލް ވަނީ ސިޔާސީ ކޮން މަގުސަދެއް. އެއަކުން ހަގީގީ އިންސާފެއް ގާއިމް ނުކުރެވެ. އެމްޑީޕީ ތެރެއިންވެސް ކިތަށް މީހުންތޯ އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހިފަ ތިބީ،" މީކާއީލް ވިދާޅުވިއެވެ.
މީކާއީލް ވިދާޅުވީ ސަރުކާރުގެ އެންމެ މަތިން ފެށިގެން އެންމެ އާދައިގެ މީހާއާ ހަމައަށްވެސް އެމްއެމްޕީއާރުސީގެ ލިސްޓުގައި ނަން އެބައޮތް ކަމަށެވެ. އަދި އެފަދަ މީހުންނާ ދޭތެރޭ ފިޔަވަޅު ނާޅައި, ވަކި ބަޔަކަށް އަމާޒުކޮށް ފިޔަވަޅު އެޅުމަކީ ރައީސް ނަޝީދު ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެއް ކަމަށެވެ.