13 Jul 2021, 23:19
ކޭޕް ޓައުން (ޖުލައި 13): ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖެކަބް ޒޫމާ ހައްޔަރު ކުރުމާ ގުޅިގެން އެގައުމުގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި 30 މީހަކު މަރުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޒޫމާ ޖަލަށް ލުމާ ގުޅިގެން ދެކުނު އެފްރިކާގައި ފެށި މުޒާހަރާތަކުގައި ތަކެތީގައި ރޯކޮށް، މަގުތައް ބަންދުކޮށް، ވިޔަފާރިތައް ލޫޓުވާފައިވެ އެވެ. އަދި އެ ހަމަނުޖެހުންތަކާ ގުޅިގެން 800 ވަރަކަށް މީހުން ހައްޔަރު ކޮށްފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުންޏެވެ.
އެ މުޒާހަރާތަކުގައި 26 މީހަކު މަރުވެފައި ވަނީ ޒޫމާގެ އުފަން ޕްރޮވިންސް ކަމަށްވާ ކުވާޒޫލޫ ނެޓާލްއިންނެވެ. އަދި އެ ޕްރޮވިންސާއި އިތުރު ހަ މީހަކު މަރުވި އެހެން ޕްރޮވިންސެއްގައި މުޒާހަރާތައް މަތަަ ކުރުމަށް އަސްކަރިއްޔާއިން ވަނީ ސިފައިން ފޮނުވާފަ އެވެ.
ޒޫމާ ޖަލަށް ލާން ދެކުނު އެފްރިކާގެ ދުސްތޫރީ ކޯޓުން ހުކުމް ކުރީ އޭނާ ވެރިކަމުގައި ހުންނެވި އިރު ހިނގިކަމަށް ބެލެވޭ ކޮރަޕްޝަނުގެ މައްސަލައެއްގައި ތަހުގީގަށް ހާޒިރުވާން ދެކޮޅު ހެދުމުން، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ސާބިތުވުމުންނެވެ.
އެ މައްސަލައަކީ ޒޫމާ 2009 އިން 2018 އަށް ވެރިކަމުގައި ހުންނެވި އިރު އޭނާއާ ގާތް ވިޔަފާރިވެރިންނަށް ދައުލަތުގެ ފައިސާ ބޭނުން ކުރުމަށާއި ގައުމުގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވަން ފުރުސަތު ދިން ކަމުގެ ތުހުމަތުގައި ބަލަމުންދާ މައްސަލައެކެވެ.
މީގެ އިތުރުން، 1990ގެ އަހަރުތަކުގައި ޒޫމާ ނައިބު ރައީސްގެ ގޮތުގައި ހުންނެވި އިރު ސަރުކާރުން ހަތިޔާރު ގަތުމަށް ހެދި އެއްބަސްވުމެއްގައި ރިޝްވަތު ނެންގެވުމުގެ ދައުވާތަކެއްވެސް އޭނާގެ މައްޗަށް ކޮށްފައިވެ އެވެ.
ޒޫމާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.
ދެހާސް އަށާރައިގައި ޒޫމާ ރައީސް ކަމުން އިސްތިއުފާ ދެއްވީ އޭނާގެ އެފްރިކަން ނެޝަނަލް ކޮންގްރެސް (އޭއެންސީ) ޕާޓީން އެކަމަށް ޕްރެޝަރު ކުރުމުންނެވެ. އެ ޕާޓީގެ ގިނަ މެމްބަރުންތަކެއް ޒޫމާއާ ދެކޮޅަށް ތެދުވީ އޭނާ އާއި މުޅި ޕާޓީއަށްވެސް އޮތް ތާއިދު ކުޑަ ވަމުން ދަނިކޮށެވެ.
މިހާރުވެސް ވެރިކަމުގައި އޮތް އޭއެންސީގައި އަދިވެސް ޒޫމާއަށް ތާއިދު ކުރާ ފެކްޝަނެއް އޮވެ އެވެ. އަދި އޭނާ ހައްޔަރު ކުރުމުން އެ ޕާޓީގައި ބައިބައިވުންތައް އިތުރުވެ، މިހާރުގެ ރައީސް ސައިރިލް ރަމްފޯސާއަށް ދަނީ ފާޑުކިޔުންތައް އަމާޒު ވަމުންނެވެ.