13 Jul 2021, 17:08
އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދާއެކު މަސައްކަތްކުރުމުގެ ހިޔާލެއް ކުޑަކޮށްވެސް ނުގެންގުޅޭކަމަށާއި ނަޝީދަށް އޮތް އެންމެ ރަނގަޅު ގޮތަކީ މިހާރު އުފައްދަމުންދާ އާ ޕާޓީތަކުގެ ތެރެއިން ޕާޓީއަކަށް އެމަނިކުފާނުގެ ސިޔާސަތުތައް ވައްދައިގެން ކުރިއަށް ދިއުންކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ބުނެފި އެވެ.
އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ނަޝީދާއި އެމްޑީޕީގެ ފިކުރަކީ ރައީސް ޔާމީނާއި ޕީޕީއެމްގެ ފިކުރާ އަޅާބަލާއިރު އުޑާ ބިމާހާ ތަފާތު ސިޔާސަތުތަކެއް ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ މިހާރު ވަރަށް ގިނަ ޕާޓީތައް އެބަ ހައްދަވާ ކަންނޭނގެ، ރައީސް ނަޝީދު ވަރަށް ރަނގަޅުވާނެ އަޅުގަނޑަށް ހީވަނީ މި، ވަރަށް ގިނަ ޕާޓީ އެބަ ހައްދަވާ އިނގޭތޯ، އެޕާޓީތަކަށް ރައީސް ނަޝީދުގެ ސިޔާސަތުތައް އިންކޯޕަރޭޓް ކުރައްވައިގެން ކުރިޔަށް ވަޑައިގަތީމަ، އަޅުގަނޑަށް ހީވަނި މާ ރަނގަޅުވާނެހެން،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ އިސްލާމްދީނާއި ދިވެހި ގައުމިއްޔަތާއި މިނިވަންކަމާއި ރައްޔިތުންނަށް ކުރިމަގު ހޯދައިދިނުމުގެ އިތުރުން އިގްތިސޯދީ ގޮތުން ދުޅަހެޔޮކަން ހޯދައިދިނުމުގައި އެމްޑީޕީ އާއި ޕީޕީއެމްގެ ލީޑަރުން ގެންގުޅޭ ސިޔާސަތުތައް އިންތިހާއަށް ތަފާތުކަމަށެވެ. އެހެންކަމުން އިދިކޮޅު ކޯލިޝަނުގެ ސިޔާސަތުތަކާއި އެމްޑިޕީއާއި ރައީސް ނަޝީދުގެ ސިޔާސަތުތަކާ ފުށުއެރުންތަކެއް ހުރިއިރު ދުވަހަކުވެސް އެމަނިކުފާނާއެކު މަސައްކަތް ކުރާނެ ޖާގައެއް ނުފެންނަކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމް، ޕީއެންސީން ރައީސް ނަޝީދުގެ ސިޔާސަތުތައް ގަބޫލުނުކުރިޔަސް، ރައީސް ޔާމީނާއި ޕީޕީއެމްގެ ސިޔާސަތުތައް ގަބޫލުފުޅުކުރައްވާނަމަ އެގޮތަށް ގަބޫލުކުރައްވައިގެން ހުންނެވުމުގެ ފުރުސަތު އެމަނިކުފާނަށް އެބަ އޮތްކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އަޅުގަނޑުމެންނަށް ދުވަހަކުވެސް އެމްޑީޕީގެ ސިޔާސަތުތަކާ އެކީގަ ކުރިއަށް ދެވޭނެ ތަނެއް. ރައީސް ނަޝީދުގެ ސިޔާސަތުތަކާ އެކީގައި ކުރިއަށް ދެވޭނެ ތަނެއް. ރައީސް ނަޝީދު އަޅުގަނޑުމެންގެ ސިޔާސަތުތައް ގަބޫލުކުރައްވަންޏާ ގަބޫލުކުރައްވައިގެން ހުންނަވަންވީ،" ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޔާމީން މިނިވަންކުރަން ރައީސް ނަޝީދާއެކު ޑީލެއް ހަދައިގެން އިދިކޮޅުން މަސައްކަތްކޮށްފާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވި އިދިކޮޅު ކޯލިޝަނަކީ ޑީލް ހަދާ ބައެއް ނޫންކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންކުރަން އިދިކޮޅުން އަމާޒު ހިފާފައިވަނީ ޝަރުއީ މަރުހަލާތަކުގެ ތެރެއިންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަކަށް އިއްޔެ ކުރި މެސެޖުތަކެއްގައި ރައީސް ނަޝީދު ވަނީ ރައީސް ސޯލިހާއެކު އިތުރަށް ސިޔާސީ ގޮތުން ހުރެވެން ނެތްކަމަށާއި އިދިކޮޅު ޕީޕީއެމް ޕީއެންސީއިން މެދުމިނުގެ ދީނީ ފިކުރަށް ތާއިދުކުރާނަމަ އިދިކޮޅުގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެކަމާ ގުޅޭގޮތުން ޝިޔާމް ވިދާޅުވީ ދީނީ ގޮތުން މެދުމިނުގެ ފިކުރެއް އޮންނަކަމަކަށް އިދިކޮޅުން ނުދެކޭކަމަށެވެ. އަދި އެއީވެސް ޕީޕީއެމް، ޕީއެންސީ އާއި ރައީސް ނަޝީދާ ހުރި ތަފާތުތަކުގެ ތެރެއިން ތަފާތެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެއީ ރައްޔިތުންވެސް ގަބޫލުކުރާ އަސާސުތަކާ ހިލާފްކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ އިސްލާމް ދީނަކީ މެދުމިނެއް އޮންނަ ދީނެއް ނޫންކަމަށާއި "އިސްލާމްދީނަކީ އިސްލާމްދީން" ކަމަށެވެ. އެ ވާހަކަތަކާ ގުޅިގެން ޝިޔާމް ވަނީ ރައީސް ނަޝީދުގެ ފިކުރަކީ ފަނާކުރުވަނިވި ފިކުރެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.