ބަޣްދާދު (ޖުލައި 13): އިރާގުގެ ނާސިރިއްޔާ ގައި ހުންނަ އަލްހުސައިން ހޮސްޕިޓަލްގައި ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާދޭ ބައިގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި މަަރުވި މީހުންގެ އަދަދު 85 އަށް އަރައިފިއެވެ.

އިރާގުގެ މީޑިއާ ބުނާގޮތުން ރޭ ގެ ވަގުތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވިކަމަށް އެންމެ ފުރަތަމަ ރިޕޯޓްކުރީ 52 މީހުންނެވެ. ނަމަވެސް އެހާދިސާގައި ފިހިފައިވާ އެތަށްބަޔަކު މިއަދު މަރުވުމުން އެޙާދިސާގައި މިހާތަނަށް މަރުވި މީހުންގެ އަދަދުވަނީ 85 އަށް އަރާފައެވެ.

މުޅި އިރާގަށް ސިހުން ލިބިގެންދިޔަ މިހާދިސާއާއެކު އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޟިމީ ވަނީ ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށްފަހު ސިއްހަތާބެހޭ އިސް މަސްއޫލުވެރިންނާ މަޝްވަރާ ކުރައްވައި އެ ހޮސްޕިޓަލް ނިސްބަތްވާ ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވާފައެވެ. އަލްހުސައިން ހޮސްޕިޓަލް ހުންނަނީ އިރާގުގެ ދެކުނުގެ ޕްރޮވިންސެއްކަމަށްވާ ޒީގާރު ޕްރޮވިންސްގައެވެ.

އަލިފާނުގެ ހާދިސާގައި މަރުވި ގިނަމީހުންނަކީ ކޮވިޑް-19 ގެ ސަބަބުން ހާލަތު ގޯސްވެ ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ގެންދިޔަ މީހުންނެވެ. ނަމަވެސް އެހޮސްޕިޓަލުގެ ބައެއް ސްޓާފުންނާއި ނަރުހުންވެސް މިހާދިސާގައިވަނީ މަރުވެފައެވެ. އަލިފާނުގެ ހާދިސާގައި އެހޮސްޕިޓަލުން މީހުން މަރުވެފައި ވަނީ ފިހިގެންނާއި، ދުންތަކުގެ ސަބަބުން ނޭވާ ހާސްވެގެންނެވެ.

އެމެރިކާ ސިފައިން 2003 ވަނައަހަރު އިރާގަށް އަރައި އިރާގުގެ އޭރުގެ ރައީސް ސައްދާމް ހުސައިންގެ ސަރުކާރު ގަދަބާރުން ވައްޓާލުމަށްފަހު ޑިމޮކްރަސީގެ އުފެއްދި ވެރިކަމުގެ ނިޒާމުގެ ދަށުން އަންނަ ސަރުކާރުތަކުގައި ފަރުވާކުޑަކަމާއި ކޮރަޕްޝަންވަނީ އިންތިހާއަށް އަށަގެންފައެވެ. މިކަމުގެ ސަބަބުން އިރާގުގައި ހިނގާ އަލިފާނުގެ ހާދިސާތައް ވަރަށް ގިނައެވެ. 2003 ގެ ކުރިން އިރާގުގައި ފަރުވާކުޑަވެގެންނާއި ކޮރަޕްޝަންގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ކުޑަކަން ތަފާސް ހިސާބުތަކުން ހާމަވެފައިވެއެވެ.

އެމެރިކާ ސިފައިން އިރާގަށް އަރައި ހިންގި ޖަރީމާތަކުގައި މިލިޔަނަކަށްވުރެ ގިނަ މީހުން މަރުވުމުގެ އިތުރުން އެކަމުގެ ސަބަބުން އިރާގުގައިވަނީ ދިގުލީ ދާޚިލީ ހަނގުރާމައެއްވެސް ހިނގައި އެތަށް ލައްކަ ބަޔަކު މަރުވެފައެވެ. އަދި އެއަށްފަހު އިރާގުގައިވަނީ ކޮރަޕްޝަންގެ ކަންތައް ހައްދުން ނެއްޓި އާންމުންނަށް ޚިދުމަތްތައްދޭ މުޅި ނިޒާމުވެސް މުޅިން ބޮއްސުންލާފައެވެ.

ނާސިރިއްޔާ ގައި ހުންނަ އަލްހުސައިން ހޮސްޕިޓަލްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކީވެސް ފަރުވާ ކުޑަވުމުގެ ސަބަބުން ހިނގި ހާސިދާއެއް ކަމުގެ ތުހުމަތު އިރާގުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ވަނީ ކުރެވިފައެވެ. ބެލެވިފައިވާ ގޮތުގައި އަލިފާން ރޯވީ އޮކްސިޖަން ސިލިންޑަރުތައް ބޭނުންކުރަން އޮންނަ އުސޫލާ ޚިލާފަށް ފަރުވާކުޑަ ގޮތަކަށް ސިލިންޑަރުތައް ބޭނުން ކުރުމުގެ ސަބަބުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ދެގަތުމުގެ ތަހްގީގް ވަރަށް މަތީ ލެވެލްއެއްގައި މިހާރު ފަށާފައިވާއިރު މިކަމުގެ ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ. މިދިޔަ އޭޕްރިލް މަހުވެސް އިރާގުގެ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން 82 މީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވެފައިވެއެވެ.

އެހާދިސާވެސް ހިނގީ އޮކްސިޖަން ޓޭންކެއް ގޮވުމުންކަން ތަހްގީތަކުންވަނީ ހާމަވެފައެވެ. އެޓޭންކް ގޮވިކަމަށްވަނީ އޮކްސިޖަން އަޅާފައި ހުންނަ ތަކެތި ބޭނުންކުރަންޖެހޭ އުސޫލާ ޚިލާފަށް ފަރުވާކުޑަ ގޮތަކަށް އެޓޭންކްތައް ބަހައްޓާފައި ހުރުމުގެ ސަބަބުންނެވެ. އެ ހާދިސާއަށްފަހު އިރާގުގެ ސިއްހަތާބެހޭ ވަޒީރު ހަސަން މުހައްމަދު އައްބާސް އައްތަމީމީ ވަނީ އިސްތިއުފާ ދެއްވާފައެވެ.

އިރާގުގެ ވަޒީރުންގެ މަޖިލީހުންވަނީ އަލްހުސައިން ހޮސްޕިޓަލްގައި ހިނގި އަލިފާނުގެ ހާދިސާއާ އިހުމާލުގެ ގޮތުންވެސް އަދި އެނޫން ގޮތަކުންވެސް ގުޅުންހުރި ހުރިހާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.