18 Feb 2012, 14:21
ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ރާއްޖެ އަށް އިތުރު ލޯނު ދޫނުކުރުމަށް ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫހަކުން ބުނެފި އެވެ.
އިންޑިއާގެ އިކޮނޮމިކް ޓައިމްސްގައި މިއަދު ޝާއިރުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް ނޭޅެނީސް ރާއްޖެ އަށް އިތުރު އެއްވެސް ލޯނެއް ނުދިނުމަށާއި އިތުރު އިންވެސްޓެއް ވެސް ނުކުރާ ގޮތަށް އެސްބީއައި އިން ނިންމާފައިވާ ކަމަށެވެ.
އެސްބީއައިގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ "މިއަހަރުގެ ޖޫން މަހާ ހަމަޔަށް އެއްވެސް ލޯނެއް ދޫނުކުރާނެ" ކަމަށެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި އެސްބީއައިގެ ތިން ބްރާންޗް ހުންނަ އިރު ރާއްޖޭގައި ދޫކުރާ ލޯނުގެ 42 ޕަސެންޓް ލޯނަކީ އެ ބޭންކުން ދޫކުރާ ލޯނުތައް ކަމަށެވެ. އަދި ރާއްޖޭގެ ފައިސާ ރައްކާކުރާ މީހުންގެ 25 ޕަސެންޓް މީހުން ފައިސާ ރައްކާ ކުރަނީ ވެސް އެ ބޭންކުގައި ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން 1974 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިދުމަތް ދެމުން އަންނަ އެސްބީއައި އަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުމުގައި މުހިއްމު ރޯލެއް އަދާކުރާ ބޭންކެއް ކަމަށާއި ޓޫރިޒަމް އިންޑަސްޓްރީ ތަރައްގީ ކުރުމަށާއި އެހެނިހެން ވެސް ވިޔަފާރި ކުރިއެރުވުމަށް ގިނަ އަދަދެއްގެ ލޯނު އެ ބޭންކުން ދޫކޮށްފައިވާ ކަމަށް ވެސް އިކޮނޮމިކް ޓައިމްސްގައި ބުނެފައިވެ އެވެ.
އިންޑިއާ ސަރުކާރާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ 2009 ވަނަ އަހަރު ރާއްޖެ އަށް ދިމާވި ބޭރު ފައިސާގެ މައްސަލައާ ގުޅިގެން އެސްބީއައި އިން 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑް އެމްއެމްއޭ އަށް ވިއްކާފައިވާ ކަމަށެވެ.