13 Jul 2021, 13:17
އެދިވަޑައިގަންނަވަނީ ރާއްޖެ ސަލާމަތްކުރުމަށާއި މިކަން ކުރުމަށް އެމްޑީޕީއިން ޕީޕީއެމްއާއެކު ކޯލިޝަނެއް ހަދަން އެދިވަޑައިގަންނަވާ ކަމުގެ އިޝާރާތެއް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުތީ ޖުމްހޫރީ ޕާޓީ, އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއެކު އިއްތިހާދެއް ހަދައިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއަށް އާ އިއްތިހާދެއް ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވަނީ "އިންޑިއާ އައުޓް ނުގޮވާ, ނަފްރަތުގެ ބިލަށް ތާއީދުކުރާ, މިއުޒިކު ހަރާމް ނުކުރާ, ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް" ކަމަށެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވަނީ ޕީޕީއެމްގެ ގިނަ މެމްބަރުންގެ ވިސްނުމަކީ އެއީކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލްކުރާ ގޮތުގައި ޕީޕީއެމްގެ ގިނަ މީހުން ތިބޭނީ އެގޮތަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާ އިރު, ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަފްރަތުގެ އަމަލުތައް މަނާކުރުމުގެ ބިލަށް އެ މަޖިލީހުގެ އިދިކޮޅު ހުރިހާ މެމްބަރުން ވަނީ ފާޅުގައި ދެކޮޅު ހައްދަވާފައެވެ.
ރައީސް ނަޝީދު އިއްޔެ ވަނީ ސިޔާސީ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕުތަކަކަށް މެސެޖު ފޮނުއްވާފައެވެ. އެހެން ނަމަވެސް ރަޢީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މި މެސެޖުތަކަށް އެއްވެސް އިޖާބައެއް މިހާތަނަށް ދެއްވާފައެއް ނުވެއެވެ.
އިއްޔެގެ މެސެޖުތަކުގައި ރައީިސް ނަޝީދު ވިދާޅުވީ އެމްޑީޕީ ތެރޭގައިވެސް ހަރުކަށި ފިކުރު އުޅޭކަމަށެވެ. އަދި ޕީޕީއެމްއިން މެދުމިނުގެ ދީނީ ސިޔާސަތުތަކަށް ތާއީދުކުރާނަމަ އެޕާޓީގެ އެހީ ހޯއްދަވާނެ ކަމަށެވެ.
އެ މެސެޖުތަކުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ވެސް ހަރުކަށި ފިކުރުގެ ވިސްނުން އެބަ އުޅޭ ކަމަށެވެ.
"އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމަ ނުޖެހުނަސް އަޅުގަނޑު ކުރާނެ ކަމެއް ނެތް. ރައީސް ޔާމީނާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތައް ތާއީދު ކުރާނަމަ އަޅުގަނޑު އެ ބޭފުޅުންގެ އެހީއަށް އެދޭނަން،" .
ރައީސް ނަޝީދުގެ ވާހަކަތަކަށް އިދިކޮޅުގެ އިސް ލީޑަރުން ގެންދަނީ ރައްދު ދެއްވަމުންނެވެ. އެގޮތުން އިދިކޮޅުން ތަކުރާރުކޮށް އަންނަނީ ރައީސް ނަޝީދާއެކު މަސައްކަތް ނުކުރާނެކަމަށް ބުނަމުންނެވެ. އަދި އެކަމަށް އިދިކޮޅުގެ ޝައުގެއް ނެތްކަމަށްވެސް ވަނީ ހާމަކޮށްފައެވެ.