18 Feb 2012, 13:44
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރޭ ހުންނެވީ ބިރުފުޅުން ރާއްޖެ ތެރޭގެ ރަށެއްގައި ފިއްލަވައި ކަމަށް ބުނެ އެމްޑީޕީގެ ބޮޑު މުޒާހަރާގައި ދެއްކި ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފި އެވެ.
ރައީސް އޮފީހުގެ މީޑިއާ ސެކެޓްރީ މަސްއޫދު އިމާދު މިއަދު ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ޑރ. ވަހީދު ކުރެއްވި ފަހުން، މިހާތަނަށް މާލެއިން ބޭރަށް ވަޑައިގެންފައިނުވާ ކަމަށާއި ރޭ ވެސް އެމަނިކުފާނު ހުންނެވީ މާލޭގައި ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ވެސް އެމަނިކުފާނު، ވެރިރަށުން ބޭރަށް ވަޑައިގަތުމަށް ހަމަޖެހިފައިނުވާ ކަމަށެވެ.
އެމްޑީޕީން އިއްޔެ ބޭއްވި މުޒަހަރާގެ ރޭގެ ދަންވަރުގެ ދަންފަޅީގައި ވާހަކަ ދެއްކެވި އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވެފައި ވަނީ ރައީސް ޑރ. ވަހީދު ހުންނެވީ ބިރުފުޅުން ރާއްޖެތެރޭގެ ކޮންމެ ވެސް ރަށެއްގައި ފިއްލަވައި ކަމަށެވެ. އަދި ބައެއް ބޭފުޅުން ވިދާޅުވީ ރައީސް ވަހީދު ފިއްލަވައި ހުންނެވީ ހއ. އަތޮޅުގެ ފަޅު ރަށެއްގައި ކަމަށެވެ.
މަސްއޫދު ވިދާޅުވީ އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި އެފަދަ ވާހަކަތައް ދެއްކުމުގެ ބޭނުމަކީ "ޕަބްލިސިޓީ" ހޯދުން ކަމަށެވެ.
"[ރައީސް] ރޭ ވެސް ހުންނެވީ މާލޭގައި. ރަށުގައި ނޫޅުއްވާ ކަމަށް ބުނެ ވާހަކަތައް ދައްކަމުންދާ މީހުންނަކީ ވަރަށް ދޮގު ހަދާ ބައެއް. އެމީހުން ބޭނުން ވަނީ ދޮގު ވާހަކަތައް ދައްކައިގެން މާސް ކެމްޕޭނެއް ޖައްސަން،" މަސްއޫދު ވިދާޅުވި އެވެ.
އިންސާފުގެ ދަތުރުގެ ނަމުގައި އެމްޑީޕީން ފެށި މުޒާހަރާގައި ވާހަކަ ދެއްކެވި ގިނަ ބޭފުޅުން ރައީސް ޑރ. ވަހީދަށް ވަރަށް ބޮޑަށް ފާޑުކިޔައި ވާހަކަފުޅު ދެއްކެވި އިރު ބައެއް ބޭފުޅުން ވަނީ އެމަނިކުފާނު ރައީސް ކަމުގެ މަގާމުން އިސްތިއުފާދެއްވުމަށް ފަހު އަލުން އިންތިހާބެއް ބޭއްވުމަށް ގޮވާލައި "ބާޣީ" އެއްގެ ގޮތުގައި އެމަނިކުފާނު ސިފަކޮށްފަ އެވެ.