ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ޖަޕާނުން ރާއްޖެއަށް ކޮވިޑް-19 ވެކްސިން ހަދިޔާކުރަން ނިންމައިފިއެވެ.

ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދެނީ އެގައުމުން ކޮވެކްސް ފެސލިޓީއަށް ހަދިޔާކުރާ 11 މިލިއަން ވެކްސިން ޑޯޒްގެ ތެރެއިންނެވެ. އެހެންނަމަވެސް ހަދިޔާކުރަނީ ކިހާ އަދަދެއްގެ ވެކްސިނެއްކަމެއް އަދި އެއީ ކޮން ބާވަތެއްގެ ވެކްސިނެއްކަމެއް އަދި ޖަޕާނުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޖަޕާނުން ރާއްޖެއަށް ވެކްސިން ހަދިޔާކުރަން ނިންމި ނިންމުމަށް މަރުހަބާ ކިޔުއްވާފައެވެ. އަދި ޖަޕާނުގެ ފޮރިން މިނިސްޓަރު ޓޮޝެމިޓްސު މޮޓެގީއަށާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

މީގެ އިތުރުން ޖަޕާނުގެ މި ނިންމުމަކީ ދެ ގައުމުގެ ދެމެދުގައިވާ ވަރުގަދަ ގުޅުން ރަމްޒުވެގެންދާކަމެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޖަޕާނުން ވަނީ ކޮވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖެ ހިމެނޭ ގޮތުން ޖުމްލަ 10 ގައުމަކަށް ކޮވިޑް-19 ވެކްސިން ހަދިޔާކުރަން ނިންމާފައެވެ. ހަދިޔާކުރާ 11 މިލިއަން ވެކްސިން ޑޯޒް ބަހާލެވޭނީ މި 10 ގައުމުގެ މެދުގައެވެ.

ޖަޕާނުގެ ވެކްސިން ޕްރޮގްރާމް ފަށާފައިވަނީ ތަރައްގީވެފައިވާ އެހެން ގައުމުތަކާ އަޅާބަލާއިރު ވަރަށް ލަހުންނެވެ. އެގައުމުގައި ވެކްސިން ޖަހަން ފަށާފައިވަނީ މިދޔަ ފެބްރުއަރީ މަހުގެ 17 ގައެވެ. މިހާތަނަށް 60 މިލިއަން ވެކްސިން ޑޯޒް އެގައުމުގައި ދީފައިވާއިރު އާންމުކޮށް އެގައުމުގައި ބޭނުންކުރަނީ ފައިޒާ، މޮޑާނާ އަދި އެސްޓްރާޒެނެކާ ވެކްސިނެވެ.

ޖަޕާނުގެ އިތުރުން ކެނެޑާއާއި އެމެރިކާއިންވެސް ވަނީ މީގެ ކުރިން ކޮވެކްސް މެދުވެރިކޮށް ރާއްޖެއަށް ވެކްސިން ހަދިޔާކުރަން ނިންމައިފައެވެ.