ކާބުލް (ޖުލައި 13): އިރާގުގެ ހޮސްޕިޓަލެއްގައި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ އައިސޮލޭޝަން ވޯޑެއްގައި އިއްޔެ ރޯވެ، 52 މީހަކު މަރުވެއްޖެއެވެ.

އިރާގުގެ ދެކުނުގައި އޮންނަ ނަސީރިއްޔާ ސިޓީގެ އަލް ހުސެއިން ހޮސްޕިޓަލުގައި ރޯވީ މީގެ ތިން މަސް ކުރިން ހުޅުވި 70 އެނދުގެ ވޯޑެއްގައެވެ. އަދި ރޯވި ވަގުތު ވޯޑުގައި 63 މީހަކު ތިބި ކަމަށް ސިއްހީ އޮފިޝަލަކު އެސޯސިއޭޓެޑް ޕްރެސް ނޫހަށް މައުލޫމާތު ދެއްވިއެވެ.

ނަސީރިއްޔާ ހެލްތު އޮތޯރިޓީގެ ތަރުޖަމާނު ހައިދަރު އަލް ޒަމީލީ ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާގައި މަރުވި 52 މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައިވެއެވެ. އަދި އެ ހާދިސާގައި 22 މީހަކަށް އަނިޔާވިއެވެ.

އެ އަލިފާންގަނޑު ރޭގެ ވަގުތެއްގައި ނިއްވާލާފައިވާ އިރު އަލިފާން ރޯވި ސަބަބެއް ކަށަވަރު ވެފައި ނުވެއެވެ. ނަމަވެސް އޭއެފްޕީ ނޫހާ ވާހަކަ ދައްކަވަމުން އެގައުމުގެ ހެލްތު ޑިރެކްޓޮރޭޓްގެ ސިއްހީ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރޯވާން މެދުވެރިވި މައިގަނޑު ސަބަބަކީ އޮކްސިޖެން ޓޭންކުތަކެއް ގޮވުމެވެ.

އަލް ހުސެއިން ހޮސްޕިޓަލުގައި ރޯވި ފަހުން އެ ސަރަހައްދަށް މީހުން އެއްވެ މުޒާހަރާ ކުރި އެވެ. އަދި އެފަދަ ހާދިސާތައް ހިނގަނީ ކޮރަޕްޓު އޮފިޝަލުންގެ ސަބަބުން ކަމަށް ތުހުމަތުކުރިއެވެ.

އިރާގުގެ ހޮސްޕިޓަލެއްގައި މިދިޔަ އޭޕްރިލް މަހުވެސް ރޯވެ، އޭގެ ސަބަބުން 82 މީހަކު މަރުވިއެވެ. އެ އަލިފާންގަނޑުވެސް ރޯވީ އޮކްސިޖެން ޓޭންކެއް ގޮވުމުންނެވެ. އަދި އެ ހާދިސާއަށް ފަހު އޭރުގެ ހެލްތު މިނިސްޓަރު ހަސަން އަލް ތަމީމީ އިސްތިއުފާ ދެއްވިއެވެ.

އިރާގުގެ ގިނަ އަހަރުވީ ހަނގުރާމަ އާއި ކޮރަޕްޝަނުގެ ސަބަބުން ބަލިކަށިވެފައި އޮތް ސިއްހީ ހިދުމަތުގެ ދާއިރާ ވަނީ ކޮވިޑަށް ފަހު ބޮއްސުންލާފައެވެ. އެގައުމުން މިހާތަނަށް 1.4 މިލިއަން މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 17،000އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި އިރާގުގެ 39.31 މިލިއަން މީހުންގެ އާބާދީގެ ތެރެއިން މިހާތަނަށް ކޮވިޑް ވެކްސިން ޖަހާފައި ވަނީ އެއް މިލިއަން ވަރަކަށް މީހުންނެވެ.