18 Feb 2012, 13:27
ގދ. ފަރެސްމާތޮޑާ، ހުވަދޫ ސްކޫލްގެ 18،000 އަށް ވުރެ ގިނަ ރުފިޔާއާއެކު ސްކޫލްގެ ތިޖޫރީ ވަގަށް ނަގައި ރަށުތެރެއަށް އެއްލާލާފައި އޮއްވާ ފެނިއްޖެ އެވެ.
ހުވަދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ނާޒިމް މިއަދު ވިދާޅުވީ ތިޖޫރީ ވަގަށް ގެންދިޔަކަން އެނގުނީ މިއަދު 11:00 ގައި ކަމަށާއި، ތިޖޫރީ ފެނިފައިވަނީ އެރަށު އިންޖީނުގެއާއި ބޯޅަ ދަނޑާއި ދޭތެރޭގައި ހުރި ވިނަ ގަނޑެއްގެ ކައިރިން މިއަދު 12:00 ޖެހިއިރު ކަމަށެވެ.
"ތިޖޫރި ވަގަށް ނެގިކަން އެނގުނީ މިއަދު. ބޮޑަށް ލަފާކުރެވެނީ ތިޖޫރީ ވަގަށް ނެގީ ހުކުރު ވިލޭރޭ ކަމަށް. ތިޖޫރީ އަޅުގަނޑުމެންނަށް ފެނުނީ މިއަދު މެންދުރު އިންޖީނުގެއާއި ބޯޅަ ދަނޑާއި ދޭތެރޭގައި ހުރި ވިނަ ގަނޑެއްގެ ކައިރިއަށް އެއްލާލާފައި އޮއްވާ. ތިޖޫރި ފެނުނަސް އަޅުގަނޑުމެން އެއަކާ ކައިރިއެއް ނުވަން. ފުލުހުންނަށް ދައްކާފަ ނޫނީ އަޅުގަނޑުމެން ކައިރިއެއް ނުވާނަން،" ނާޒިމް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ތިޖޫރީ ވަގަށް ނެގި އިރު 18،719.50ރ. ހުންނާނެކަމަށާއި ނަމަވެސް ތިޖޫރީގައި އެ ފައިސާ މިހާރު ތިޖޫރީގައި ހުރިކަން ވެސް ނުވަތަ ނޫންކަން ވެސް ނޭނގޭ ކަމަށެވެ. ތިޖޫރި ވަގަށް ނެގިއިރު ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާމީހުން ވެސް ސްކޫލްގައި ތިބި ކަމަށާއި އެފަދަކަމެއް ހިނގިކަމެއް ސެކިއުރިޓީއަށް އެނގިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާނީ އެ މައްސަލަ ފުލުހުންނަށް މިހާރު ރިޕޯޓުކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެމައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް އެރަށަށް ދިޔުމަށް ފުލުހުން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.