ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްގެން އަލުން ބަޔާނެއް ނަގަން އުޅެނީ މި ދުވަސްވަރު ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކާ ހެދި ރައްޔިތުންގެ ވިސްނުން އެހެން ދިމާލަކަށް އަނބުރާލުމުގެ ބޭނުމުގައި ކަމަށް ޕީޕީއެމް، ޕީއެންސީން ބުނެފި އެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް މިފަހުން ހާޒިރު ކުރަމުން ދަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ވ. އާރަށް ކުށްޔަށް ދޫކުރުމުން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ސަރުކާރަށް ލިބުނު އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމުގެ ތުހުމަތުގަ އެވެ.

އެ މައްސަލަ އަކީ ކުރިން ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ.

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ އެ މައްސަލައިގެ ބަޔާން އަލުން ނަގަނީ ޕީޖީ އޮފީހުން އަންގައިގެން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ބަޔާން އަލުން ނަގަންޖެހޭ ސަބަބަކީ ކުރިން ބަޔާން ނެގިއިރު، ގާނޫނީ އިންޒާރުދީފައި ވަނީ ގޯސްކޮށް ކަމަށްވާތީ ކަމަށް ޕީޖީން ބުނާ ކަމަށް ފުލުހުން އިއްޔެ އެންގި ކަމަށް ވެސް ޑ. ޖަމީލް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް، ޕީއެންސީން މިއަދު ނެރުނު ބަޔާނުގައި ވަނީ އެކަމާ ގުޅިގެން އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

"މައްސަލަ ކުރިއަށް ގެންދާ ގޮތާމެދު ރައީސް ޔާމީން ގެ ފަރާތްޕުޅުން އެކަން ސާފުކޮށްދިނުމަށް އެދި ސުވާލު ކުރުމުންވެސް އެކަމަށް އިޖާބަ ދިނުމެއް ނެތި މަޖުބޫރުން ތަހުގީގު ނިމިފައިވާ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ކުރަމުން ގެންދާ މަސައްކަތަކީ، ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވެގެންދާ ކަމެކެވެ،" އެ ކޯލިޝަނުގެ ބަޔާނުގައި ވެއެވެ.

އެ މައްސަލާގައި އަލުން ބަޔާން ނަގަނީ އެމްޑީޕީގެ މެމްބަރުން ރުއްސަން ކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެ ކޯލިޝަނުން ތުހުމަތުކުރާ ގޮތުގައި ފުލުހުންގެ މުއައްސަސާއަށް ވަނީ ސިޔާސީ ނުފޫޒު ފޯރާފަ އެވެ. ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ އެހެންވެ ކަމަށް ޕީޕީއެމް، ޕީއެންސީން ދެކެ އެވެ.

"އެހެންކަމުން، ފުލުހުންގެ މުއައްސަސާއިން ސިޔާސީ ނުފޫޒުތަކަށް ތަބާވުމެއް ނެތި، ޤާނޫނީ ގޮތުން ލިބިފައިވާ ބާރުގެ ބޭނުން ކުރެއްވުމަށް އިދިކޮޅުން ގޮވާލި އެވެ،" އެ ބަޔާނުގައިވެ އެވެ.

ރައީސް ޔާމީނަށް ސަރުކާރުން އަނިޔާދެމުންދާ ކަމަށް ބުނެ، އެކަން ހުއްޓާލުމަށް ވެސް އެ ކޯލިޝަނުން ނެރުނު ބަޔާނުގައި ސަރުކާރަށް ގޮވާލާފައިވެ އެވެ.