13 Jul 2021, 08:57
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅު މިވަގުތު ހުރީ ސިޔާސީ ވައުދުތައް ފުއްދަންކަމަށާއި އިތުރުކަމަކަށް ވިސްނުމެއް ނެތްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވެއްޖެއެވެ.
މަބްރޫކު މިގޮތަށް ވިދާޅުވީ، ދެން އިތުރަށް ސިޔާސީ ގޮތުން ރައީސް ސޯލިހާއެކު ނުހުރެވޭނެކަމަށް ވިދާޅުވެ، އެޕާޓީގެ ވަޓްސްއެޕް ގުރޫޕެއްގައި ރައީސް މުހައްމަދު ނަޝީދު ކުރެއްވި މެސެޖުތަކަކާ ގުޅިގެން "ސަން" އިން ސުވާލުކުރުމުންނެވެ.
މަބްރޫކު ވިދާޅުވީ ރައީސް ސޯލިހުގެ ފޯކަސް މިވަގުތު ހުރީ ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް އެކަނި ކަމަށެވެ. އަދި ރައީސް ސޯލިހުގެ އިތުރު އެހެން ވިސްނުންފުޅެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ރައީސް ސޯލިހާއެކު އިތުރަށް ދެން ސިޔާސީ ގޮތުން ނުހުންނަވާނެކަމަށާއި ދީނީ ގޮތުން މެދުމިނުގެ ވިސްނުމަށް ޕީޕީއެމާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތާއިދުކުރައްވާނަމަ އެބޭފުޅުންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.
"މިއީ އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއާ މައްސަލަ ޖެހިގެނެއް ނޫން. ނުވެސް ޖެހޭނެ. އެކަމަކު އަޅުގަނޑާއި ރައީސުލްޖުމްހޫރިއްޔާއާ މިހާރު ފިކުރީ ގޮތުން ހިޔާލު ތަފާތު، އަޅުގަނޑުމެންގެ ޒާތީ ކަންކަމުގައި އަބަދުވެސް އުޅޭނީ އެކީގަ،" އެމްޑީޕީގެ ވަޓްްސްއެޕް ގްރޫޕެއްގައި ނަޝީދު ލިޔުއްވި މެސެޖެއްގައިވެ އެވެ.
އެމްޑީޕީގެ ބައެއް މެންބަރުން ހިތްހަމަނުޖެހުނަސް އިތުރު ގޮތެއް ނެތްކަމަށާއި އެމްޑީޕީގެ އެއްވެސް ބޭފުޅަކު ރައީސް ސޯލިހަށް ގެއްލުމެއް ނުދިނުމަށާއި ޒާތީވެސް ނުވުމަށް ވެސް ނަޝީދު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ރައީސް ނަޝީދުގެ މި މެސެޖުތަކާ ގުޅިގެން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ޕީޕީއެމް، ޕީއެންސީން ކޯލިޝަނުން ރައީސް ނަޝީދާއެކު މަސައްކަތް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދާއި ރައީސް ސޯލިހަކީ ގިނަ ދުވަސްވީ އެކުވެރިންނެވެ. އެހެންނަމަވެސް މި އަހަރު ތެރޭ ރައީސް ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރުކަންކުރަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. އެ ވިސްނުންފުޅަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ނޫނީ ނިންމޭނެކަމެއް ނޫންކަމަށް ރައީސް ސޯލިހު ވަނީ ރައްދުގައި ވިދާޅުވެފައެވެ.
އޭގެފަހުން ނަޝީދު ވަނީ އަންނަ އަހަރު ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ބޭނުންތެރިކަމެއް ކަމުގައި ވިދާޅުވެފައެވެ.
މޭ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއަށް މަޖިލީހުގެ 241 ކޮމިޓީން ހެދި އިންކުއަރީއަށްވެސް ރައީސް ސޯލިހު ހުރަސްއަޅުއްވާކަމަށް ރައީސް ނަޝީދު ވަނީ މީގެ ކުރިން ތުހުމަތުކުރައްވާފައެވެ. އެހެންނަމަވެސް އެ ތުހުމަތުތަކަކީ ހަގީގަތެއް ނޫންކަން ނަޝީދަށްވެސް އެނގިވަޑައިގަންނަވާނެކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ވެރިކަން ކުރާ އެމްޑީޕީ މިހާރު އޮތީ ދެބައި ވެފައެވެ. އަދި ބައެއް މެންބަރުން ރައީސް ސޯލިހަށް ސަޕޯޓްކުރައްވާއިރު އަނެއްބައި މެންބަރުން ތިއްބެވީ ރައީސް ނަޝީދާއެކުގައެވެ. އެމްޑީޕީގެ ދެ ފެކްޝަންގެ ކޯޅުން މަޖިލިސް ތެރެއިންވެސް މިހާރު ވަނީ ފެންނަން ފަށާފައެވެ. އަދި ދާދިފަހުން އެމްޑީޕީގެ މެމްބަރަކު ވަނީ ރައީސް ސޯލިހުގެ އިސްތިއުފާއަށްވެސް މަޖިލީހުގެ ތަޅުމުގައި ގޮވާލައްވާފައެވެ.