އިޓަލީގެ މިލާންގައި ބާއްވާ "ބޯސާ އިންޓަނޭޝަނަލް ޓުއަރިޒަމް ފެއާ 2012" ގައި ރާއްޖެ ބައިވެރި ވެއްޖެއެވެ.

ފެއާގައި މޯލްޑިވެސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ އޮފިޝަލެއްގެ އިތުރުން ރާއްޖޭގެ 17 ކުންފުންޏަކުން 32 މީހުން ބައިވެރިވެފައި ވެއެވެ. ފެއާ ކުރިޔަށް ދަނީ ފެބުރުއަރީ 16 އިން 19 އަށެވެ.

ބީއައިޓީ ފެއާ އަކީ އިޓަލީގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް އަދި ކޮންސިއުމާ ފެއާއެވެ. މޯލްޑިވެސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ބުނީ އެ ފެއާގައި ރާއްޖެ ބައިވެރިވުމަކީ އިޓަލީގެ އިތުރުން ޔޫރަޕު މާކެޓުގައި ރާއްޖެ އިޝްތިހާރުވެ ޔޫރަޕުގެ ޓޫރިސްޓުންގެ މެދުގައި ރާއްޖެ މަގުބޫލު ވާނެ ކަމެއް ކަމަށެވެ.

ކޯޕަރޭޝަނުން ބުނީ މިއަހަރަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް 40 އަހަރު ފުރޭ އަހަރުކަމަށް ވާތީ އެކަން ދައްކުވައި ދިނުމަށް ބީއައިޓީ ފެއާގެ ރާއްޖޭގެ ސްޓޭންޑުގައި "ބްލެކް އެންޑް ވައިޓް ފޮޓޯ" ކޯނާއެއް ގާއިމްކޮށްފައިވާ ކަމަށާއި ފޮޓޯ ތަކުގެ ތެރޭގައި ރާއްޖޭގެ ރިސޯޓުތަކުގައި ޓުއަރިޒަމް ފެށިގެން އައި ދުވަސްވަރުގެ ފޮޓޯ ތަކާއި 1980 ގެ އަހަރުތަކުގައި ނަގާފައިވާ ފޮޓޯތައް ހިމެނޭ ކަމަށެވެ.

ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ މީހުން އިތުރުކޮށް މަގުބޫލުކަން އިތުރުކުރުމަށްޓަކައި ކޮންމެ ދުވަހެއްގެ ފެއާ ނިމުމުން ރާއްޖޭގެ އިންޑަސްޓްރީއާއި ފެއާ އިންތިޒާމް ކުރާ ފަރާތާއި ގުޅިގެން ރެފަލް ޑްރޯއެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށާއި ޑްރޯ ކާމިޔާބު ކުރާ ފަރާތަކަށް އެމީހެއްގެ ބައިވެރިޔާއާއެކު ރާއްޖޭގެ ރިސޯޓެއްގައި ހަތް ދުވަހުގެ ޗުއްޓީއެއް ހޭދަ ކުރުމުގެ ފުރުސަތު ދެ އެވެ. ރެފަލް ސްޕޮންސާ ކޮށްފައިވަނީ އަދާރަން ރިސޯޓްސް އާއި ބަނޑޮސް އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި މެދުފުށި އައިލެންޑް ރިސޯޓް އަދި ނިކަ އައިލެންޑް ރިސޯޓުންނެވެ.