12 Jul 2021, 21:01
މާލޭ ސިޓީ ކައުންސިލުން މާފަންނު ބޮޑުގޭގައި ތަރައްގީކުރި ޕާކިން ޒޯން މިއަދު ހަވީރު ހުޅުވައިފިއެވެ.
މި ޕާކިން ޒޯން ހުޅުއްވައިދެއްވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.
ބޮޑުގޭ ޕާކިން ޒޯނަކީ ސައިކަލްތަކަށް ހާއްސަކޮށްގެން ތަރައްގީކުރި ޒޯނެކެވެ. އެގޮތުން މި ޕާކިން ޒޯނުގައި 175 ސައިކަލު ޕާކުކުރުމުގެ ޖާގަ ހުންނާނެއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މި ޒޯން ތަރައްގީކޮށް ހުޅުވުމާއެކު ދަކަނދާ މަގުގައި ޕާކްކުރާ ސައިކަލްތައް މި ޒޯނަށް ބަދަލުކުރާނެ ކަމަށެވެ. އަދި ދަކަނދާ މަގުގައި ޕާކްނުކުރެވޭގޮތަށް ހަމަޖެއްސުމަށް ނިންމާފައިވާކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ބޮޑުގޭގައި ހެދި ޕާކިން ޒޯންގެ ފާރުގައި ރާއްޖޭގެ ރީތި މަންޒަރުތަކާއި އިސްލާމީ ޝިއާރުތައް ކުރަހާފައިވެއެވެ. އަދި އެތަނުގެ ފާރުތަކުން ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ވެސް ފެނިގެންދެއެވެ.

ބޮޑުގޭގައި ތަރައްގީކުރި ޕާކިން ޒޯނުގެ ފާރެއްގައި ހުރި ކުރެހުމެއް
ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން މަސައްކަތްކުރަމުންދަނީ މާލޭގެ ޕާކިންގް މައްސަލައަށް ހައްލެއް ގެނައުމަށްކަމަށެވެ. ހަމައެއާއެކު މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށާއި އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ފަސޭހަ މަގުތަކެއް ގާއިމްކުރުމަކީ އެ ކައުންސިލުން ކުރަމުން އަންނަ މަސައްކަތް ކަމަށް ވެސް ބުންޏެވެ.
އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ޒޯންތައް ތަރައްގީކުރުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.
ހަމައެއާއެކު މިހާރުވެސް އަގު ދީގެން ޕާކްކުރުމަށް 211 ޖާގައަށް ކުރިމަތިލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން 6000 އަށްވުރެ ގިނަ ވެހިކަލްތައް މަގުމަތިން ނަގައި ޕާކިންޒޯންތަކަށް ވެއްދިފައިވާކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.