ރަހީނުކޮށް މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު ވަޅުލައިފި އެވެ.

ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އެ ކުއްޖާގެ ހަށިގަނޑު ފޮނުވާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. ޕޯސްޓްމޯޓަމް ހަދާފައި ވަނީ އިންޑިއާގެ ޓްރިވެންޑްރަމް ގަ އެވެ.

ޕޯސްޓްމޯޓަމް ހެދުމަށް ފަހު އެ ކުއްޖާގެ ހަށިގަނޑު ރާއްޖެ ގެނައީ މިއަދު ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އަދި ޕޯސްޓްމޯޓަމް ގެ ރިޕޯޓު ލިބޭނެ ސީދާ ދުވަހެއް ދަންނަވަން ނޭނގޭ ކަމަށް ފުލުހުން ބުނެއެވެ.

އެ ކުއްޖާގެ ކަށުނަމާދު ކޮށްފައި ވަނީ މިރޭގެ މަޣްރިބް ނަމާދަށް ފަހުގައެވެ.

ރަހީނުކޮށް މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލާފައި އޮއްވައި ހުޅުމާލެ ފޭސްގެ މޫދުން 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނުނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބި އެ ކުއްޖާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. އެކުއްޖާގެ ހަށިގަނޑު ފެނުނު އިރުވެސް ގިނަ ޒަހަމްތަކެއް ވަނީ ވެފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ 27 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ކުއްޖަކު މިހާތަނަށް ހައްޔަރުކޮށްފަ އެވެ. އުމުރުން 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާއިރު 17 އަހަރުގެ ކުއްޖާ ހުރީ 15 ދުވަހަށް ބަންދުގަ އެވެ.