12 Jul 2021, 19:23
ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީކުރުމަށް އެ ރަށް ދިގުމުއްދަތަކަށް ކުއްޔަށް ދޫކޮށްގެން ލިބުނު އެއް މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގުން އެމަނިކުފާނުގެ ވަކީލުން ތަނާޒުލް ވެއްޖެ އެވެ.
މިއަދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ އާ ރަށުގެ މައްސަލައަކީ ކުރިން ބަޔާން ނަގައި، ތަހުގީގު ނިންމައި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައެއް ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ އެ މައްސަލާގައި އަލުން ރައީސް ޔާމީންގެ ބަޔާން ނަގަން އުޅެނީ ޕްރޮސިކިއުޓާ ޖެނެރަލް އަންގައިގެން ކަމަށް ފުލުހުން ބުނާ ކަމަށެވެ. ބަޔާން ނަގަން ނިންމީ މީގެކުރިން ބަޔާންނެގިއިރު، ގާނޫނީ އިންޒާރުދީފައި ވަނީ ރަނޅަށް ނޫން ކަމުގައި ޕްރޮސިކިއުޓާ ޖެނެރަލާ ހަވާލާދީ ފުލުހުން ބުނާ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރިން ނިންމާފައިވާ މައްސަލައެއްގައި އަލުން ގާނޫނީ އިންޒާރުދީ ބަޔާން ނަގަން އުޅުމުން އެކަމުގެ ގާނޫނީ ހުއްޖަތް ދެއްކުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާކަމަށެވެ. އެހެންނަމަވެސް ފުލުހުން އެކަމަށް އެއްވެސް ފުރުސަތެއް ދީފައިނުވާކަމަށް ޖަމީލް ވިދާޅުވިއެވެ.
"މުވައްކިލު [ރައީސް ޔާމީން]ގެ ހައްގު ހިމާޔަތް ނުކުރެވޭތީ އަޅުގަނޑުމެން ވަކީލުންވާނީ ތަހުގީގުގެ އެ މަޖިލީހުން ތަނާޒުލުވެފައި،" ޑރ. ޖަމީލް ވިދާޅުވިއެވެ.
މިއީ މިފަހުން އެ މައްސަލައާ ގުޅިގެން ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރި ދެވަނަ ފަހަރެވެ.