އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެހީތެރިކަމަށް އެދެންޖެހިދާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ގޮތުން ރައީސް ސޯލިހުއާ ހިޔާލު ތަފާތުވެ ޕީޕީއެމް އަދި ރައީސް ޔާމީންއާ އެއްގަލަކަށް އަރަން ބޭނުންވާ މޭރުމަކުން ރައީސް ނަޝީދު ވަނީ މިއަދު އެމްޑީޕީގެ ވަޓަސްއެޕް ގްރޫޕަކަށް މެސެޖް ތަކެއް ފޮނުވާފައެވެ.

އެ މެސެޖުތަކުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ވެސް ހަރުކަށި ފިކުރުގެ ވިސްނުން އެބަ އުޅޭ ކަމަށެވެ.

"އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމަ ނުޖެހުނަސް އަޅުގަނޑު ކުރާނެ ކަމެއް ނެތް. ރައީސް ޔާމީނާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތައް ތާއީދު ކުރާނަމަ އަޅުގަނޑު އެ ބޭފުޅުންގެ އެހީއަށް އެދޭނަން،" ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނަން ކުރީގެ ރައީސް ޔާމީން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައި ވެއެވެ.

"އަޅުގަނޑު ނުދެކެން ރިޔާސީ އިންތިހާބެއް ރާއްޖޭގައި އޮންނާނެ ކަމަކަށް. އަޅުގަނޑު ދެކެނީ ރައީސް ޔާމީން އަޅުގަނޑާ އެކުގައި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމުގަ މަސައްކަތް ކުރައްވާނެ ކަމަށް. އަދި އެ ފެންނަ ނުފެންނަ ވޯޓެއް ނަގާއިރުގަ އަޅުގަނޑު ދެކެނީ ޕީޕީއެމް އާއި އެމްޑީޕީއިން އެކުގައި ތިބެގެން މި ފެންނަ ނުފެންނަ ވޯޓަށް އަޅުގަނޑުމެންނަށް ދެވޭނެ ކަމަށް،" ނަޝީދު އޭރު ވިދާޅުވިއެވެ.

ޕީޕީއެމުން އެމްޑީޕީއާއެކު ހަދާނެ އެއްވެސް ޑީލެއް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައި ވެއެވެ.

އަދި ރައީސް އަބްދުالله ޔާމީން ތާއީދުކުރައްވާނީ ރައްޔިތުން ނިންމާފައި އޮތް ނިންމުމަށް ކަމަށާއި އެމަނިކުފާނު ތާއީދުކުރައްވާ ނިޒާމެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެނގިވަޑައިނުގަންނަވާނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުالله ވިދާޅުވެފައި ވެއެވެ.