18 Feb 2012, 12:23
ކޮންޓޭނަރުތަކެއް ބަރުކޮށްގެން މާލެއިން ފުރައިގެން އައްޑޫއަށް ދިޔަ ދޯންޏެއް ފަރަށް އަރައިފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ކޮންޓެއިނާ ބަރުކޮށްފައިވާ ދޯނި އުރުނީ ގދ. ތިނަދޫއާ ކާޑެއްދޫއާ ދޭތެރޭގައި އޮންނަ ގިރިއެއްގެ މައްޗަށެވެ. ގައުމީ ދިފާއީ ބާރުން ބުނީ “ސީނުކުރި” ނަކަމަށް ކިޔާ ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު ކަމަށެވެ. އަދި ބުނީ ކޯސްޓްގާޑުން އެ ސަރަހައްދަށް ގޮސް އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
ކޯސްޓްގާޑުން ބުނީ ދޯނި ފަރަށް އެރުމުގެ ސަބަބުން ދޯނީގެ ބަނޑުފިލާއިން ތަންގަނޑެއް ހަލާކުވެ، އެތަންތަނުން ދިޔަވަމުންދާތީ، ދިޔަވާ ތަންތަން ބެއްދުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާ ސިފައިން ގުޅިގެން ފަށާފައިވާ ކަމަށެވެ.
ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީން ތިބި ދޯނި ކޮންޓެއިނަރު ބަރުކޮށްގެން އައްޑު އަތޮޅު ދަތުރު ކުރި ދޯނި ފަރަށް އެރި ނަމަވެސް ކޮންޓެއިނަރަކަށް ގެއްލުމެއް ވެސް ނުވެ އެވެ. ކޮންޓެއިނަރުތަކުގައި ހުރީ ކޮންކަހަލަ މުދަލެއް ކަމެއް ސާފުވެފައެއް ނުވެއެވެ.