ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ކުރި މެސެޖުތަކެއްގައެވެ. އެ މެސެޖުތަކުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހާ މައްސަލައެއް ޖެހުނީ ނޫން ކަމަށް އަދި މައްސަލަ ނުވެސް ޖެހޭނެ ކަމަށެވެ. އަދި ޒާތީ ކަންކަމުގައި އަބަދުވެސް އުޅޭނީ އެކީގައި ކަމަށާއި އެއީ އެމަނިކުފާނުގެ ދަރިންގެ "އިބޫ ދޮންބެ" ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ އެމްޑީޕީ އެކަކުވެސް ރައީސުލްޖުމްހޫރިއްޔާއާ ޒާތީ ނުވުމަށް. އަދި ރައީސުލް ޖުމްހޫރިއްޔާއަށް ގެއްލުންވާ އެއް ކަމެއް ވެސް ނުކުރުމަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވާއިރު، އެމްޑީޕީ ދެބައި ވެފައިވާ ކަމަށް މީގެ ކުރިން ވާހަކަ ދެކެވުނެވެ. އަދި އެމްޑީޕީގެ ތެރެއިން އެއް ބަޔަކު ރައީސް ސޯލިހަށް ތާއީދު ކުރާކަން ހާމަ ކުރި އިރު، އަނެއް ބަޔަކު ނަޝީދަށް ތާއީދު ކުރާކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

ރައީސް ނަޝީދު ވަނީ މީގެ ކުރިން ބޮޑުވަޒީރުކަން ބޭނުންފުޅުވާކަމަށްވެސް ރައީސް ސޯލިހުގެ އަރިހުގައި ދަންނަވާފައެވެ. އެހެންނަމަވެސް ރައީސް ސޯލިހު ވިދާޅުވީ ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ.

ރައީސް ސޯލިހާ ހަވާލާދެއްވާ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް އޭރު މީޑިއާތަކަށް ފޮނުއްވި މެސެއްގައި ވިދާޅުވީ، ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައީސް ނަޝީދު ކުރެއްވި މެސެޖެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމުގައި ރައީސްގެ ވިސްނުފުޅު ހުރި ގޮތް މަބުރޫކުގެ މެސެޖުގައި ވިދާޅުވެ ދެއްވި އެވެ.

"މިހާރު މި އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލު ކުރަމުންދާ ގޮތެއް ކަމަށްވާތީ، މިކަމަށް ބަދަލެއް ގެނެވޭނީވެސް އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ،" މަބްރޫކުގެ މެސެޖުގައިވެ އެވެ.

މިއަދު ރައީސް ނަޝީދު ކުރެއްވި މެސެޖުތަކާ ގުޅިގެން މަބްރޫކު އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.