18 Feb 2012, 12:09
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު އިންނެވި ގޮނޑިން އެމަނިކުފާނު ފައިބާވަޑައިގަތުމަށް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލާ، ޑރ. މުސްތަފާ ލުތުފީ ރޭ ގޮވާލައިފި އެވެ.
ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ކަމުގެ މަގާމަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ ވަކިއަތަކަށް ބުރަވެ ވަޑައިނުގަތް ހުންނަވަން ޖެހޭ މަގާމެއް ކަމަށް ވީނަމަވެސް އިއްޔެ އެމްޑިޕީން ބޭއްވި "އިންސާފުގެ ދަތުރުގެ" މުޒާހާރާއަށް ރޭ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މުސްތަފާ ވިދާޅުވީ ގައުމަށް މިހާރު ދިމާވެފައި ވަނީ ވަރަށް އަނިޔާވެރި ގޮތްތަކެއް ކަމަށާއި އިންސާފުގެ ދަތުރުގެ ނަމުގައި އެމްޑީޕީން ފެށި މުޒާހަރާ އަށް އޭނާ ވަޑައިގެންނެވީ އެކަންކަމަށް ކެތް ނުކުރެވިގެން ކަމަށެވެ.
"އަޅުގަނޑު ވަހީދަށް ގޮވާލަނީ ތީ ރައްޔިތުންގެ ގޮނޑިއެކޭ، ރައްޔިތުން ނޭދެއޭ ތިޔަ ގޮނޑީގައި [ވަހީދު] އިންނާކަށް ހަމަ މިހާރު ފައިބާށޭ!" ޑރ. ވަހީދާ އެކު ގައުމީ އިއްތިހާދު ޕާޓީ ހެއްދެވުމަށް ފަހު ފަހުން އެ ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގެންނެވި މުސްތޮފާ ވިދާޅުވި އެވެ. އަދި މުސްތޮފާ ވަނީ ރައީސް ވަހީދު، ބާޣީއެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
މައުމޫނުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަމާއި ނަޝީދުގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވެވި މުސްތަފާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ބޮލުގައި ބަޑި ޖައްސައި އިސްތިއުފާދޭން މަޖުބޫރިކުރުވި ކަމަށާއި ނަމަވެސް ބަޑި އެ ޖެއްސުނީ ނަޝީދުގެ ބޮލުގައި ނޫން ކަމަށެވެ. އެއީ އެންމެންގެ ބޮލުގައި ޖެއްސި ބަޑިއެއް ކަމަށެވެ.
"ބަޑިޖެއްސީ އަޅުގަނޑުމެން އެންމެންގެ ބޮލުގައި. ދަރިންގެ ދަރިންގެ ބޮލުގައި. މިހާރު އަޅުގަނޑުމެން ދޫކޮށްލައިފިއްޔާ އަނެއްކާ މާދަމާ ވެސް އެ ބަޑި ޖައްސާނެ. އެހެންވީމާ ދޫކޮށްލައިގެން ނުވާނެ!" މުސްތަފާ ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުކޮށްލުމަކީ ކުށްލިއަކަށް ބަޔަކު ކުރިކަންތަކެއް ނޫން ކަމަށައި އެއީ ދުރާލައި ވަރަށް ބޮޑަށް ރާވައިގެން ކުރި ކަމެއްކަމަށް ވެސް މުސްތޮފާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ފެންނަމުން ދިޔަ މަންޒަރުތަކުން ވެރިކަން ބަދަލުކުރުމުގައި ދެކަމެއް ފާހަގަ ކުރެއްވޭ ކަމަށެވެ.
"އެއް ގޮތަކީ ރައީސް ނަޝީދަށް އިސްތިއުފާދޭން މަޖުބޫރުކޮށް އިސްތިއުފާ ނުދެއްވީމަ ޑިފެންސްގެ ދޮރު ހުޅުވާލާފައި ފުލުސް އޮފީހުގެ މަތިން އެއްޗެހި ވައްޓާލާފައި ރައްޔިތުންނަށް އެ ތަންތަން ދޫކޮށްލާނީ ރައީސަށް ނުރައްކާކުރަން. އެހެން ހެދި ނަމަ ދިވެހިރާއްޖޭގައި ބޮޑު ލޭ އޮހޮރުވުމަކަށް ހިނގައިދާނެ. ދެން ހަދާނެ ގޮތަކީ މިލިޓަރީ ވެރިކަމެއް ގެންނާނީ. އެ ގޮތަށް މި ގައުމު ބާއްވާނީ އެތައް ދުވަހެއް ވަންދެން،" ޗާންސެލާ ވިދާޅުވި އެވެ.
މުސްތަފާ ތުހުމަތު ކުރެއްވި ގޮތުގައި ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން ވެސް އެމަނިކުފާނުގެ މައްޗަސް ޝަރީއަތްކޮށް އެމްޑީޕީގެ މެންބަރުންގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލާ މުޅި އެމްޑީޕީ ދުވަސްދުއްވާލަން ރޭވިކަމަށާއި އެ ރޭވުން ނާކާމިޔާބުކޮށްލީ ރައީސް ނަޝީދުގެ ވިސްނުންފުޅުން ކަމަށެވެ.