12 Jul 2021, 15:20
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް، މިނިސްޓަރު އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާގެ ނައިބުގެ މަޤާމަށް މ. މޭގަ ހަސަން ނާޝިދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ.
ހަސަން ނާޝިދަކީ ހޮރިޒޯން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ ކަމުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.
އޭގެ އިތުރުން ނާޝިދަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި ސްކޫލުގެ ޕްރިންސިޕަލެއްގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން ހަސަން ނާޝިދު ވަނީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގައި އެޓޭޗް ކޮންސިއުލަރ އެފެއާޒްގެ މަގާމާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕްރޮޓޮކޯލް އޮފިސަރެއްގެ މަގާމުވެސް ފުރުއްވާފައެވެ.
ހަސަން ނާޝިދަކީ ސްކޮޓްލޭންޑްގެ އެޑިންބަރގްގެ މޮރޭ ހައުސް ކޮލެޖް އޮފް އެޑިއުކޭޝަން އިން ބެޗްލަރ އޮފް އެޑިއުކޭޝަން އިން އިންގްލިޝް ލެންގުއޭޖް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
އަދި ހަސަން ނާޝިދު މިހާރު ދަނީ ޔުނިވަރސިޓީ އޮފް ކޭޕް ޓައުންއިން ޕޯސްޓް ގްރެޖުއޭޓް ޕްރޮގްރާމް ކިޔަވާވިދާޅުވަމުންނެވެ.
ނާޝިދުއާއެކު ފިޝަރީޒް މިނިސްޓްރީގައި މިހާރު ތިއްބްވަނީ ދެ ޑެޕިއުޓީ މިނިސްޓަރުންނެވެ. އަދި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައިވެސް ދެ ބޭފުޅަކު ތިއްބަވައެވެ.
ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މުސާރައަށް 20،500 ރުފިޔާ އަދި 15،000 ރުފިޔާގެ އެލަވަންސަކާއިއެކު މަހަކު ޖުމްލަ 35،500 ރުފިޔާ ލިބޭނެއެވެ.