ވޮޝިންޓަން (ޖުލައި 12): އެމެރިކާގައި އާދަޔާހިލާފަށް ހޫނުކަން މައްޗަށް ދިޔުމަށްފަހު އެމެރިކާގެ ބައެއް ސްޓޭޓްތަކުގެ ޖަންގަލިތަކުގައި އަލިފާން ރޯވެ އަނދަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އެންމެ ބޮޑަށް ރޯވެފައިވަނީ އެމެރިކާގެ ހުޅަނގު ފަޅީގެ ސްޓޭޓްތަކުގެ ޖަންގަލިތަކުގައެވެ. މިގޮތުން ކެލިފޯނިއާ، ނެވާޑާ، މޮންޓާނާ، އެރިޒޯނާ އަދި ނިއުމެކްސިކޯ ފަދަ ސްޓޭޓްގެ ޖަންގަލިތަކުގައި އަލިފާން ރޯވެ ދަނީ އަނދަމުންނެވެ. މި ސްޓޭޓްތަކުގެ ހޫނުމިން މިދިޔަ ހޮނިހިރު ދުވަހު ހުރީ 40 ޑިގްރީ ސެލްސިއަސްއާއި 47 ޑިގްރީ ސެލްސިއަސް އާ ދެމެދުގެ މިންވަރެއްގައެވެ. މިއީ އެމެރިކާއަށް ބަލާއިރު ރެކޯޑް އަދަދުތަކެކެވެ.

ހޫނު ގަދަވުމުގެ ސަބަބުން ނެވާޑާގެ ޖަންގަލި ސަރަހައްދުގެ ބޮޑު ބަޔަކަށް އިއްޔެވަނީ ހޮނު އަޅާފައެވެ. ޖަންގަލިތަކުގައި އަލިފާން ރޯވީ ހޫނު ވައިގެ ތެރޭގައި ހޮނު އެޅުމުގެ ސަބަބުންކަމަށް ރިޕޯޓުތައް ބުނެއެވެ. ދުނިޔޭގެ އުތުރުފަޅީގެ ގައުމުތަކަށް މިއީ ހޫނު މޫސުމެވެ.

ނަމަވެސް އެހެން އަހަރުތަކުގެ ހޫނު މޫސުންތަކާ ހިލާފަށް މިއަހަރުގެ ހޫނު މޫސުމުގައި އެމެރިކާ، ކެނެޑާ އަދި ޔޫރަޕަށް އާދަޔާ ހިލާފަށް ހޫނު ގަދައެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ހޫނު މޫސުމުގައި އާދަޔާ ހިލާފަށް ހޫނު ގަދަވުމާއެކު އައި ހޫނު ވައިގެ ސަބަބުން ހީޓް ސްޓްރޯކް ޖެހިގެން އެމެރިކާއާއި ކެނެޑާއިން ގިނަ އަދަދެއްގެ މީހުންވެސްވަނީ މަރުވެފައެވެ.

އެމެރިކާއާއި ކެނެޑާގެ މޫސުމާބެހޭ އިދާރާތަކުން ބުނިގޮތުގައި އެދެގައުމަށް މިއަހަރުގެ ހޫނު މޫސުމުގައި އެންމެ މައްޗަށް ހޫނު މިން ގޮސްފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެމަހުގެ ތެރޭގައި ބައެއް ސަރަހައްދުތަކުގެ ހޫނުމިން 50 ޑިގްރީ ސެލްސިއަސް އަށްވެސް ގޮސްފައިވެއެވެ.

އެމެރިކާގެ ހުޅަނގުގެ ސްޓޭޓްތަކުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ދަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކާ ގާތްވަމުންނެވެ. އެހެންކަމުން އަލިފާންގަނޑުތައް ނިއްވުމަށް ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަލިފާންގަނޑުތައް ނިއްވުމަށްޓަކައި ފެނާއި ފޯމްފަދަ ތަކެތި ސްޕްރޭކުރުމަށް ގިނަ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރުތައް ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމެރިކާގެ ޖަންގަލިތަކުގެ އަލިފާންގަނޑުތައް ނިއްވަން މަސައްކަތްކުރާ މަތިންދާ ބޯޓުތަކުގެ ތެރެއިން ބޯޓެއް އިއްޔެ ވެއްޓުމުގެ ސަބަބުން ދެމީހަކުވަނީ މަރުވެފައެވެ.