ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ޖުމްހޫރީ ޕާޓީން ރަސްމީކޮށް ވަކިވިކަން ސިޓީއަކުން ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދަންނަވައިފިއެވެ.

ކާނަލް ނާޒިމް ސޮއި ކުރައްވައި ގާސިމް އިބްރާހީމަށް ފޮނުވި ސިޓީގައި ވަނީ ސިޔާސީ ޕާޓީއެއް އުފައްދާ، ދިވެހި ގައުމާ ރައްޔިތުންނަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ހިދުމަތް ކުރުމަށް ގަސްތުކުރާތީ މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީގެ މެމްބަރުކަމުން ވަކިވި ވާހަކަ ދައްނަވާ ކަމަށެވެ.

ސިޓީގައި އިތުރަށް ބުނެފައިވަނީ މިފުރުސަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާއި ޕާޓީގެ މެމްބަރުން ދެއްވި އެއްބާރުލުން ފާހަގަކޮށް އިހްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާ ކަމަށެވެ.

ކާނަލް ނާޒިމް ޖުމްހުރީ ޕާޓީން ވަކިވެވަޑައިގެންނެވިއިރު އިއްޔެ ވަނީ އެ ޕާޓީގެ ނައިބު ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުވެސް އެ ޕާޓީން ވަކިވެފައެވެ.

ކާނަލް ނާޒިމްއާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން މަޖިލީހުގެ ހަތަރު މެމްބަރަކު ހިމެނޭ ގޮތުން އުފައްދާ ސިޔާސީ ޕާޓީއަށް މިހާރު ވަނީ 3،000 މެމްބަރުންވެސް ހަމަކޮށްފައެވެ.

ނާޒިމް މަަޖިލީހަށް ހޮވިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓް ގައެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ނާޒިމް ހުންނެވީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައެވެ.