12 Jul 2021, 12:34
ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިލަދޫއަށް ސައިޓަށް ގެންދެވިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން 37،222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމުމުގެ މަސައްކަތް ކުރިޔަށްދާކަމަށެވެ. އަދި 248 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 137 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫގެ ދަށުން ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން މި މަޝްރޫގައި 286 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތްވެސް ހިމެނެ އެވެ.
އޭގެ އިތުރުން 1،430 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި މަސައްކަތަކީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެމްޓީސީސީއާ ހަވާލުކުރި މަސައްކަތެކެވެ. މި މަޝްރޫއަށް 42.1 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.