އޭއެފްސީ ކަޕުގެ ޕްލޭ އޮފްގައި މިއަދު ހަވީރު މާލޭގައި ވިކްޓަރީއާ ދެކޮޅަށް ޔަމަނުގެ އަލް ތިލާލާގެ ޓީމް ކުޅޭ މެޗުގެ ޓިކެޓް ވިއްކާގެ ލިބޭ ފައިސާ ހަރަދު ކުރުމަށް ނިންމާފައި ވަނީ ކުލަބުގެ ބޭނުންތަކަށް ކަމަށް ވިކްޓަރީގެ މެނޭޖަރު އަހުމަދު އަޔާޒު (އަޔާ) ބުނެފި އެވެ.

ވިކްޓަރީ އާ ދެކޮޅަށް ޔަމަނުގެ އަލް ތިލާލާގެ ޓީމު ބައްދަލުކުރާ މެޗް ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:15ގައި ގަލޮޅު ދަނޑުގަ އެވެ.

ސަން މީޑިއާ ގްރޫޕަށް ދިން އިންޓަވިއުގައި ވިކްޓަރީގެ މެނޭޖަރު އަޔާ ބުނީ، މިއަދު މެޗަށް 2400 ޓިކެޓް ވިކުމަށް ބާޒާރަށް ނެރިފައިވާ ކަމަށާއި ޓިކެޓް ވިއްކަނީ 15 ރުފިޔާ އަށް ކަމަށެވެ. އަދި ޓިކެޓް ވިއްކައިގެން ލިބޭ ރުފިޔާ ހަރަދު ކުރުމަށް ނިންމާފައި ވަނީ ކުލަބަށް ކަމަށް ވެސް އަޔާ ބުންޏެވެ.

"ފަނަ ރުފިޔާ އަށް ގަންނަ ކޮންމެ ޓިކެޓެއް ބައްލަވާގެން ދަނޑުގެ ކޮންމެ ހިސާބެއްގައި ތިބެވޭނެ. ޓިކެޓް ވިއްކާގެން ލިބޭ ފައިސާ ހަރަދު ކުރާނީ ކުލަބްގެ ހަރަދު ތަކަށް،" އަޔާ ބުންޏެވެ.

އަޔާ ބުނީ، މިއަދުގެ މެޗަކީ ވިކްޓަރީ އަށް ވަރަށް މުހިންމު މެޗެއް ކަމަށާއި މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުލަބުން މިއަދު ކުރާނެ ކަމަށެވެ. އަދި ޓީމަށް ސަޕޯޓްކުރުމަށް ވީހާ ވެސް ގިނަ ސަޕޯޓަރުން ދަނޑަށް ގޮސް، ޓީމަށް ސަޕޯޓް ކޮށްދިނުމަކީ ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް އަޔާ ބުންޏެވެ.

އަޔާ ބުނީ، ކުރިން ޔަމަނުގައި ކުޅުމަށް ހަމަޖެހުނު މެޗު މާލޭގައި ކުޅޭގޮތަށް އޭއެފްސީ އިން ބަދަލުކުރުމުން ޓީމަށް އިތުރު ހިތް ވަރެއް ލިބިފައިވާ އިރު، އަމިއްލަ ގައުމުގައި ބޭރުގެ ޓީމަކާ އެކު ކުޅެ މޮޅުވުމަކީ ގައުމަށް ވެސް ލިބޭނެ ރީތި ނަމެއް ކަމަށެވެ.

"މެޗް އަމިއްލަ ގައުމުގައި ކުޅޭގޮތަށް ބަދަލުކުރުމުން މުބާރާތުގެ ގުރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ވިކްޓަރީ އަށް އޮތް ފުރުސަތު ބޮޑު. އެފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ޓީމް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރަށް މެޗުން މޮޅުވެއްޖެ ނަމަ ކޮލިފައިވާނެ. ދެންދާނީ ގުރޫޕް އީ ފަޅިއަށް އެއީ ވަރުގަދަ ޓީމްތަކެއް ހިމެނޭ ފަޅިއެއް،" އަޔާ ބުންޏެވެ.

ޔަމަންގެ އަލް ތިލާލާގެ ޓީމާ ދެކޮޅަށް ވިކްޓަރީ މިއަދު ހަވީރު ކުޅޭ މެޗުގެ، މެޗް ކޮމިޝަނަރަކީ ސްރީލަންކާގެ ފުޓްބޯޅަ ފެޑަރޭޝަންގެ ނައިބު ރައީސް ސުނިލް ސެނަވީރާ އެވެ. އަދި މިއަދުގެ މެޗުން ވިކްޓަރީ ބަލިވެއްޖެ ނަމަ މުބާރާތުން އެޓީމް ވަކިވާނެ އެވެ.