12 Jul 2021, 14:00
އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ 2018 ވަނަ އަހަރުގެ ސާޕްލަސް ބަހަން އެކުންފުނީގެ ބޯޑުން ނިންމާ އެކަން އިއުލާނުކޮށްފައިވާތީ، ސާޕްލަސް ލިބުމަށް ޝަރުތު ހަމަވާ ކަސްޓަމަރުން އެކަމަށް އެދި ފޯމު ހުޅައެޅުމަށް ހުޅުވާލައިފި އެވެ.
އަޔާދީ ތަަކާފުލްގެ ޖުމްލަ ފައިދާއަށް ބެލުމަށްފަހު، 2018ގެ ސާޕްލަސް ބެހުމަށް ކަނޑައަޅާފައިވަނީ އެ އަހަރު ވަކި ކެޓަގަރީތަކަކުން ތަކާފުލް ނަގާފައިވާ ކަސްޓަމަރުންގެ މެދުގަ އެވެ. އެއީ؛
ހޯމް
- ކޮންޓްރެކްޓާސް އޯލް ރިސްކު
- ފަޔަރ
- މޮޓޯ
- ބޯޓު ބިލްޑިންގް
- ޕަބްލިކް ލައިބިލިޓީ
- ޕްލާންޓް
- މެޝިނަރީ އަދި އިކުއިޕްމަންޓް
- މެޝިނަރީ ބްރޭކް ޑައުން
- ގުރޫޕް ޕާސަނަލް އެކްސިޑެންޓް
- ޕެސެންޖަރ ލައިބިލިޓީ
- ޕްރޮފެޝަނަލް އިންޑެމްނިޓީ
- ކާގޯ ތަކާފުލް
ސާޕްލަސް ބެހުމަކީ ކޮބާ؟
ސާޕްލަސްއަކީ ތަކާފުލްގައި ބައިވެރިވުމަށް ކަސްޓަަމަރުން ކޮންޓްރިބިއުޝަން ފައިސާ ޖަމާކޮށް، ގާއިމްކުރާ "ބައިވެރިންގެ ފަންޑުން" ސީދާ ތަކާފުލްއާއި ގުޅޭ ހަރަދުތަކުގެ ގޮތުގައި ބެލެވޭ (ގެއްލުމުގެ ބަދަލު ދިނުމާއި ރީ-ތަކާފުލް ކުރުން ފަދަ ހަރަދުތައް) އުނިކުރުމަށްފަހު، ބާކީ ފައިސާ، ޕާޓިސިޕަންޓް ރިސްކް ފަންޑްގެ ގޮތުގައި އިންވެސްޓްކޮށްގެން އަހަރު ނިމޭއިރު ފަންޑުގައި އިތުރަށް ހުންނަ ފައިސާއަށް ކިޔާ ނަމެވެ. މިފައިސާ އަށް "ބައިވެރިންގެ ފަންޑުގެ ފައިދާ" އޭވެސް ކިޔަ އެވެ.
އަޔާދީ ތަކާފުލްއިން ފޯރުކޮށްދޭ ޖެނެރަލް ތަކާފުލްގެ މޮޑެލް ބިނާވެގެންވަނީ ޝަރީއާ ހުއްދަކުރާ މުއާމަލާތެއް ކަމުގައިވާ "ވަކާލާ"ގެ މައްޗަށް ބިނާކޮށެވެ. މި މޮޑެލްގައި ކޮންޓްރިބިއުޓަރުން ތަކާފުލް ޕޮލިސީގައި ބައިވެރިވުމަށްޓަކައި ދައްކާ ކޮންޓްރިބިއުޝަން އަޔާދީ ތަކާފުލްއަށް ދައްކަނީ ވަކީލެއްގެ ހައިސިއްޔަތުން އެ ފައިސާގެ ތެރެއިން ވަކީލުގެ ގޮތުގައި ނަގާ ފީ އުނިކުރުމަށްފަހު، ބާކީވާ އަދަދު ކޮންޓްރިބިއުޓަރުންނަށް ހާއްސަ "ބައިވެރިންގެ ފަންޑު"ގައި މެނޭޖުކޮށްދިނުމަށް އެއްބަސްވެގެންނެވެ.
އެގޮތުން ވަކީލެއްގެ ހައިސިއްޔަތުން އަޔާދީ ތަކާފުލްއަށް ދައްކާ ފީ މެނޭޖުކުރާނީ އަޔާދީ ތަކާފުލްގެ "ތަކާފުލް އޮޕަރޭޓަރ" ފަންޑުގަ އެވެ. މި "ތަކާފުލް އޮޕަރޭޓާ"ގެ ފަންޑުން ހޭދަކުރާނީ ތަކާފުލް ހިދުމަތްދިނުމަށްޓަކައި އަޔާދީ ތަކާފުލް ހިންގުމުގެ ގޮތުން ކުރަންޖެހޭ ހަރަދުތައް ކުރުމަށެވެ.
އަޔާދީ ތަކާފުލްއިން މިއަދު ބޭއްވި އޮންލައިން ނޫސްވެރިންގެ ބައްދަލުުވުމުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ ސާޕްލަސްގެ ގޮތުގައި ކަނޑައެޅޭ ފައިސާއަށް އެދި އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން ހުށައެޅުމުން އެ ފައިސާ ޖަމާކުރެވޭނީ އެފަރާތެއް ކުންފުނަޏަށް ވެރިފައިކޮށްދީފައިވާ އެފަރާތެއްގެ ބޭންކް އެކައުންޓަށް ކަމަށެވެ.
އެގޮތުން އަމިއްލަ ފަރާތްތަކުގެ ބޭންކު އެކައުންޓް ވެރިފައިކުރުން އެލައިޑް މޮބައިލް އެޕްލިކޭޝަނާއި ވެބް ޕޯޓަލް؛ މައިއެލައިޑްގެ އަޔާދީއަށް ހާއްސަކޮށްފައިވާ ބައިން ކުރިޔަށްގެންދެވޭނެ ކަމަށް ވިދާޅުވި އެވެ. ބޭންކު އެކައުންޓެއް ނެތް ބޭފުޅެއްނަމަ، އެ ފަރާތަކުން ސީދާ ކުންފުނީގެ އޮފީހަށް ދިއުމުން ފައިސާ ދޫކުރުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ފިރުޝާން ވިދާޅުވީ ހ.އޯކިޑް (އަމީރު އަހުމަދު މަގު)ގައި ހުންނަ ކަސްޓަމާ ފްރަންޓް އޮފީހަށް ދިއުމުންނާއި ކަސްޓަމާ ކެއާ ނަންބަރު 1600 އަށް ގުޅައިގެން ސާޕްލަސް ލިބޭ ކަސްޓަމަރެއްކަން ކަށަވަރު ކުރެވޭނެ ކަމަށެވެ. އެގޮތުން އާންމު އުސޫލުން ސާޕްލަސް ލިބުމަށް ޝަރުތު ހަމަވާނީ ސާޕްލަސް ދިނުމަށް ކަނޑައަޅާފައިވާ ހިދުމަތްތަކުގެ ތެރެއިން ހިދުމަތެއް ނަގައި، ސާޕްލަސް ދިނުމަށް ކަނޑައަޅާ މުއްދަތު (މިހާލަތުގައި 2018ގައި ބަދަލަށް އެދި ހުށައަޅާފައި ނުވާ) ފަރާތްތަކެވެ.
ސާޕްލަސްއަށް އެދި ހުށަހެޅުމަށް ފޯމު ހުށައަޅަންޖެހޭ ސުންގަޑިއަކީ 12 ސެޕްޓެމްބަރު 2021ގެ ހަވީރު 4:00 އެވެ. އެ ފޯމު އޮންލައިންކޮށް އަދި އަޔާދީ ކަސްޓަމާ ފްރަންޓް އޮފީހުން ލިބެން ހުންނާނެ އެވެ. އަދި ފޯމު ހުށައެޅުމުގައިވެސް މިއިން ކޮންމެ ގޮތެއްވެސް އިހުތިޔާރު ކުރެވިދާނެ އެވެ.