ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ރައީސް ޔާމީނުގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވީ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މެންދުރު 2:00 އަށް ކަމަށެވެ. އަދި މިއަދުވެސް ފުލުހަށް ހާޒިރުކުރަނީ މީގެ ދެ ދުވަސް ކުރިން ހާޒިރުކުރި މައްސަލައިގައި ކަމަށެވެ.

އެ ދުވަހު ޖަމީލް ވިދާޅުވީ، އެމަނިކުފާނު ފުލުހަށް ހާޒިރުކުރީ މީގެ ކުރިން ބަލައި ނިންމާފައި އޮތް މައްސަލައެއްގެ ތަހުގީގުގައި ސުވާލު ކުރުމަށް ކަަމަށެވެ.

"މިއަދު ފުލުހަށް ހާއްސަ ގޮތެެއްގައި ހާޒިރު މި ކުރެވުނީ މީގެ ކުރީގައިވެސް ތަހުގީގުކޮށް ނިމިފައި އޮތް މައްސަލައެއްގަ. އަނެއްކާވެސް ހަމަ އެ މައްސަލައިގަ ސުވާލު ކުރުމުގެ ގޮތުން. އެއީ ވ. އާރަށާ ބެހޭ ގޮތުން. މިދެންނެވި މައްސަލައަކީ މީގެ ކުރީ ދުވަހެއްގައި ރައީސް ޔާމީން ހާޒިރުވެ ވަޑައިގެން އެ މައްސަލައިގެ ތަހުގީގު މުޅިން ނިމި ސޮއިކުރައްވައި ނިމިފައި އޮތް މައްސަލައެއް" މި މަހުގެ 10 ވަނަ ދުވަހު ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރި މައްސަލައިގައި ޖަމީލް ވިދާޅުވެފައި ވެއެވެ.

ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީކުރުމަށް އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ތަހުގީގު ނިންމައި، އެމަނިކުފާނުގެ މައްޗަށް ރިޝްވަތު ނެގުމާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު އެވެ.