އެމްޑީޕީއަކީ ވެރިކަން ކުރަން އެނގޭ ޕާޓީއެއް ނޫން ކަމަށާއި، އެމްޑީޕީ އޮންނަން ރަނގަޅުވާނީ މަގުމަތި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަހު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޗެނަލް13ގެ ޕްރޮގުރާމެއްގައި ރޭ ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކަ އެމްޑީޕީ އިން ދައްކަނީ، ރައްޔިތުންނަށް ހިދުމަތް ކުރަން ނޭންގުމުން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރިޔާސީ ނިޒާމެއްގެ ފޮނި މީރުކަން ރައްޔިތުންނާ ހިސާބަށް ގެނެސްދީފައިވާ ކަމަށާއި، ނިޒާމު ބަދަލުކުރަން ރައީސް ޔާމީން ނޭދޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގޭ އެއްޗަކީ ކޮންމެ ނިޒާމެއް އޮތަސް، ކަން ކުރަން އެނގޭ މީހަކަށް ކަން ކުރެވޭނީ. އެއީ ބަރުލަމާނީ ނިޒާމަކަސް، ރިޔާސީ ނިޒާމަކަސް، ހަމަ މި މީހުން [އެމްޑީޕީ] ވާނީ ފެން. އެމްޑީޕީ އަކީ ވެރިކަން ކުރަން އެނގޭ ޕާޓީއެއް ނޫން." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީއަކީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކޮށްދޭން އެނގޭ ޕާޓީއެއް ނޫން ކަމަށާއި، އެމްޑީޕީ ރަނގަޅުވާނީ "މަގުމަތީގައި އޮންނަން" ކަމަށެެވެ.

އެހެންނަމަވެސް އެމްޑީޕީގެ ސިޔާސަތުތަކަކީ ރަނގަޅު ސިޔާސަތުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު އެ ޕާޓީއަށް ސިޔާސަތުތައް ތަންފީޒުކުރަން ނޭނގެނީކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެމްޑީޕީގައި ތިއްބެވި ހަރުދަނާ، ކަންކަން ރަނގަޅަށް އެނގިވަޑައިގަންނަވާ ގާބިލު އަދި ތައުލީމީ ބޭބޭފުޅުން، މިހާރު ތިއްބެވީ އިދިކޮޅު ކޯލިޝަނާއެކު ކަަމަށް ވެސް ޝިޔާމް އިތުރަށް ވިދާޅުވިއެވެ.