18 Feb 2012, 12:02
އޭއެފްސީ ކަޕުގެ ޕްލޭ އޮފްގައި ވިކްޓަރީއާ ދެކޮޅަށް މިއަދު ނިކުންނާނީ އެޓޭކިން ގޭމެއް ކުޅެ، މޮޅުވުމުގެ ފުރިހަމަ ޔަގީން ކަމާ އެކު ކަމަށް ޔަމަނުގެ އަލް ތިލާލާގެ ޓީމް ކޯޗް ނޫރައްދީން އަބްދުލްޣަނީ ބުނެފި އެވެ.
މެޗަށް ނިކުތުމުގެ ކުރިން މިއަދު ސަން މީޑިއާ ގްރޫޕަށް ދިން "ކުރު" އިންޓަވިއުއެއްގައި ޔަމަނުގެ އަލް ތިލާލާގެ ޓީމް ކޯޗް ނޫރައްދީން ބުނީ، މިއަދުގެ މެޗަށް ނިކުންނަ އިރު ޓީމް އޮތީ ފުރިހަމައަށް ތައްޔާރު ވެގެން، މޮޅުވުމުގެ އަޒުމްގައި ކަމަށެވެ. އަދި މެޗަށް ނިކުންނާނީ ދެ ޓާގެޓެއް ކަނޑައަޅައިގެން ކަމަށް ވީއިރު، ފުރަތަމަ ޓާގެޓަކީ މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗުގެ ލީޑް ނެގުން ކަމަށެވެ. އަދި ދެ ވަނަ ޓާގެޓަކީ ބައިކޮޅަށް ލަނޑެއް ނުވައްދައި މެޗް އެއްވަރު ކޮށްލުން ކަމަށް ވެސް ކޯޗް ނޫރައްދީން ބުންޏެވެ.
"ވިކްޓަރީއާ ދެކޮޅަށް ނިކުންނާނީ އެޓޭކިން ގޭމެއް ކުޅެ، މޮޅުވުމުގެ ފުރިހަމަ ޔަގީން ކަމާ އެކު. ވިކްޓަރީ މޮޅުވިޔަ ނުދީ ހިފެހެއްޓުމަށް ކުޅުންތެރިން ބުރަ މަސައްކަތްތަކެއް މިއަދު ކުރާނެ. ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް ފިޓްކޮށް. އަނިޔާގެ މައްސަލައެއް ޓީމަކު ނެތް،" ނޫރައްދީން ބުންޏެވެ.
އޭއެފްސީ ކަޕުގައި އަލް ތިލާލް ވަނީ 2009 ވަނަ އަހަރާއި 2011 ވަނަ އަހަރު ވާދަކޮށް، ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ.