13 Jul 2010, 14:56
19:00
އެޓަރނީ ޖެނެރަލްގެ އޮފީހުގެ ދަށުން ހިނގަމުންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓަކީ، މިއަދުން ފެށިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދާ އޮފީހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން ބުނީ މިބަދަލާ ގުޅިގެން ޤާނޫނާއި ގަވާއިދާ ޚިލާފުވާ 18 އަހަރުން ދަށުގެ ކުދިން އަނބުރާ މުޖްތަމަޢަށް ގެނައުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއިން ކުރަމުން ގެންދިޔަ މަސައްކަތްތައް، މިއަދުން ފެށިގެން ޖުވެނައިލް ޖަސްޓިސް ޔުނިޓުން ކުރަމުން ގެންދާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކ. ފޭދޫފިނޮޅުގައި ޤާއިމް ކޮށްފާއިވާ ކަރެކްޝަނަލް ޓްރޭނިންގ ސެންޓަރ ފޮރ ޗިލްޑްރަން، މިއަދުން ފެށިގެން ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބަލަހައްޓަމުން ގެންދާ ތަނެއްގެ ގޮތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ މި ބަދަލު ގެނައީ ކުޑަކުދިންނާބެހޭ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި މިވަގުތު ހުރި ދަތިތައް ހައްލު ކޮށް، ކުށްކުރާ ކުޑަކުދިން ހުކުމް ތަންފީޒު ކުރަމުންދާ މަރްހަލާތައް މިހާރަށްވުރެ ހަރުދަނާ ގޮތަކަށް ބައްޓަން ކުރުމަށާއި، އަދި، ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމާ ގުޅޭގޮތުން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކޮށް އެކަން ކަމާބެހޭ މަސައްކަތްތައް ސަރުކާރުގެ އެއްއިދާރާއަކުން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށެވެ.