18 Feb 2012, 11:50
ގދ. ތިނަދޫގައި އިއްޔެ ހަވީރު އެމްޑީޕީން ބޭއްވި މުޒާހަރާއަށް އެ އަތޮޅުގެ އެކި ރަށްރަށުން ތިނަދުއަށް ދިޔަ މީހުން އެރަށަށް އެރުމާއެކު ތިނަދޫން ބަޔަކު ހުރަސް އަޅައި މަސްލަހަތު ގޯސްވެފައި ވަނިކޮށް ފުލުހުން ގޮސް ދެބައި މީހުން ސުލްހަކޮށް، މުޒާހަރާ ކުރިއަށް ގެންދިއުމަށް ފުރުސަތުދީފި އެވެ.
ފުލުހުން ބުނީ އެމްޑީޕީން ތިނަދޫގައި އިއްޔެ ބޭއްވި އެއްވުން ސުލްހަވެރިކަމާއެކު ކުރިއަށްގެންދިއުމަށް ފުލުހުންގެ ޓީމެއް އެރަށަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެ އަތޮޅުގެ އެކި ރަށްތަކުން ތިނަދޫއަށް މީހުން ގޮސްގެން ކުރިއަށްގެންދިޔަ މުޒާހަރާއާ ދެކޮޅު ހެދުމުގެ ގޮތުން ތިނަދޫ ބައެއް ރައްޔިތުން މަސައްކަތްކުރި ނަމަވެސް ފުލުހުންގެ އެދުމުގެމަތިން ތިނަދޫ ރައްޔިތުންގެ ތެރެއިން މުޒާހަރާއާ ދެކޮޅު ހެދި ފަރާތްތަކުން ވެސް ސުލްހަވެރިކަމާއެކު މުޒާހަރާ ކުރިއަށް ގެންދިއުމަށް ފުރުސަތުދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ އިއްޔެ ތިނަދޫގައި މުޒާހަރާ ބާއްވަން އުޅުނު ވަގުތު އެރަށަށް އިތުރު ބަޔަކު އަރަން ތިނަދޫ ބައެއް މީހުން ބޭނުންނުވީ، ރަށުން ބޭރުން އިތުރު ބަޔަކު އަރައި ތިނަދޫގެ ތަންތަނަށް އިތުރަށް ގެއްލުންދޭން މަސައްކަތް ކޮށްފާނެ ކަމަށް ބުނެ ކަމަށެވެ. އަދި އެކި ރަށްރަށުން ތިނަދޫއަށް ދިޔަ މީހުން ރަށަށް އެރުމުން ދެބައިމީހުންގެ މެދުގައި މަސްލަހަތު ގޯސްވި ކަމަށެވެ.
ތިނަދޫން ވާހަކަ ދެއްކި މީހަކު ބުނީ އިއްޔެ އެ ރަށުގައި އެއްވުން ކުރިއަށްދިޔަ ވަގުތު ރަޔަޓް ގިޔަރުގައި ތިބި ވިއްސަކަށް ފުލުހުން އެރަށަށް ގޮސްފައިވާ ކަމަށެވެ. އަދި އިއްޔެ ހެނދުނުން ފަށައިގެން އެ ސަރަހައްދުގައި ކޯސްޓުގާޑް ވެސް ހަރަކާތްތެރިވަމުންދިޔަ ކަމަށެވެ.
ތިނަދޫގައި އިއްޔެ މާބޮޑު ހަމަނުޖެހުމެއް ނުހިނގި ނަމަވެސް މެންދުރު ކުރިން ވަނީ އެމްޑީޕީއަށް ސަޕޯޓުކުރާ ފަރާތްތަކުންނާ މި ސަރުކާރަށް ތާއީދު ކުރާ ބަޔަކު ޕިކަޕަކަށް ގަލާއި ދަގަނޑުބުރި އަރުވައިގެން ބަނދަރަށް ނުކުމެފަ އެވެ. އަދި ދެ ބައިމީހުންގެ ދެމެދުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރި ނަމަވެސް ފުލުހުން ގޮސް ދެބައިމީހުން ސުލަހްކޮށްފައިވާ ކަމަށް ތިނަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. ތިނަދޫގައި ބޭއްވި އެއްވުމަށް އެހެން ރަށްރަށުން ދިޔަ މީހުން ވަނީ އިރުއޮއްސުމާއެކު ތިނަދޫން ފުރައިގެންގޮސްފަ އެވެ.
މިމަހުގެ އަށްވަނަދުވަހު އެމްޑީޕީން މާލެ އާއި އަތޮޅު ތަކުގައި ކުރި މުޒާހަރާގައި ތިނަދޫން ނުކުތް އެމްޑީޕީގެ ބައެއް މީހުންވަނީ އެރަށު ކޯޓާއި އަތޮޅުކައުންސިލް އިދާރާގެ އިތުރުން ޕޮލިސް ސްޓޭޝަންގައި ހުޅުޖަހާފަ އެވެ.