11 Jul 2021, 20:29
ކުރިއަށް އޮތް ބޮޑު އީދު ބަންދުގައި ގިނަ މީހުން އެއްވެގެން ހަރަކާތްތައް ބޭއްވުން މަނާވާނެ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
ކޮވިޑް19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މިފަހުން ދިން ބޮޑެތި ލުއިތަކާއެކު މިއަހަރުގެ ބޮޑު އީދު ޗުއްޓީއާ ދިމާކޮށް މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ މާލެއިން އެކި ރަށްރަށަށް ގޮސްފަ އެވެ.
އެޗްޕީއޭއިން މިއަދު ކުރި އިއުލާނުގައި އީދު ބަންދާއި ޗުއްޓީގައި ދަތުރު ކުރުމާއި އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ކޮވިޑް19އިން ރައްކާތެރިވުމަށް ސަމާލުކަންދީ ބައެއް ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެގޮތުން ގިނަ މީހުން އެއްވެގެން ކުރިއަށްގެންދާ ހަރަކާތްތައް ނުބޭއްވުމަށާއި އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ހަރަކާތްތައް އިހުތިޔާރު ކުރުމަށް އެޗްޕީއޭގެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި އެއްރަށުން އަނެއް ރަށަށް މީހުން ގޮސްގެން ހަރަކާތްތައް ނުބޭއްވުމަށްވެސް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.
މީގެ އިތުރުން ބޮޑު އީދު ބަންދުގައި ކުޅިވަރު މުބާރާތްތައް ބޭއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.
އިތުރަށް ކަނޑައެޅި ފިޔަވަޅުތަކަކީ؛
ދަތުރުކުރާއިރު މާސްކު އަޅައި، ތިމާއާ އެއްކޮށް ދިރިއުޅޭ މީހުން (އެއް ބަބުލްގެ މީހުން) ފިޔަވައި އެހެން މީހުންނާ މަދުވެގެން ތިން ފޫޓުގެ ދުރުމިން ބެހެއްޓުން
- މީހުން ދިރިއުޅޭ ރަށްރަށުގެ އާންމު ތަންތަނުގައި އުޅޭއިރު އަދި ހިދުމަތް ހޯދަން ދިއުމުގައި ނޭފަތާއި އަނގަ ރަނގަޅަށް ނިވާވާ ގޮތަށް މާސްކު އެޅުން
- ކެފޭ، ރެސްޓޯރެންޓް، ފިހާރަ، ޕާކު އަދި މައިޒާން ފަދަ ތަންތަން ބޭނުންކުރާއިރު ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުން
މީގެ އިތުރުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިންގެ ލަފާ ހޯދުމާއި ފުލޫ ކްލިނިކަށް ދައްކައި، ޓެސްޓު ކުރަންވާނެ ކަމަށާއި ޓެސްޓުގެ ނަތީޖާ ލިބެންދެން ގޭގައި މަޑުކުރުމަށްވެސް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
ހަމައެއާއެކު ކަރަންޓީނުގައި ތިބެންޖެހޭ ފަރާތްތަކުން ކަރަންޓީން އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށްވެސް އެޗްޕީއޭގެ އިއުލާނުގައި ބުނެފައިވެ އެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް19 ފެތުރުމުގެ ހާލަތު ރަނގަޅުވެފައިވާ މި ދަނޑިވަޅުގައި ބަލީގެ އިތުރު ރާޅެއް އައުމުން ދުރުހެލިވުމަށްޓަކައި އެންމެން އެކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.