ކޮވިޑް-19 ގެ ހާލަތުގައި އަޅަފައިވާ ހަރުކަށި ފިޔަވަޅުތަށް ލުޔެއް ދިނީ އިހަކަށް ދުވަހު އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދިން ލުއިތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ލުޔެވެ.

ވެކްސިންގެ ދެ ޑޯޒް ޖަހައި 14 ދުވަސް ވެފައިވާ ފަރާތްތަކަށް، މޮނިޓަރިންގްގައި ނެތް ރައްތަކަށް ދަތުރު ކުރަން ހުއްދަ ދިނުން ވެގެން ދިޔައީ 'ދެ އީދު އެއްފަހަރާ ލައިގެން' ހެނެވެ.

ރައްރަށަށް ދާނަމަ ނެގެޓިވް ޕީސީއާރް ޓެސްޓް ބޭނުން ވެއެވެ. އެހެންކަމުން ރައްރަށަށް ދެވޭނީ ޓެސްޓު ކޮށް، ނަތީޖާ ނެގެޓިވް ވުމުންނެވެ.

އެއާއެކު، ވެކްސިން ފުރިހަމަކޮށް، 14 ދުވަސްވެފައިވާ ފަރާތްތަކުގެ ތެރެއިން، މިވަގުތު ކަރަންޓީންގައި ތިބި މީހުނަށް ވެސް ނެގެޓިވް ނަތީޖާ އަކާއެކު ކަރަންޓީން ނިނުމަކަށް ގެންނަން އެޗްޕީއޭއިން ހުއްދަ ދިނެވެ.

ރަށަށް ދިއުމަށާއި، ކަރަންޓީން ނިންމާލުމަށްޓަކައި އެންމެންވެސް އަމާޒު ހިފީ ޓެސްޓު ހެދުމަށެވެ. އެޔާއެކު އިއްޔެ ޓެސްޓު ހަދާފައިވާ މީހުންގެ އަދަދު 7000ށް ވުރެ މަތި ވެފައި ވާކަން އެޗްޕީއޭއިން އެންމެ ފަހުން އަޕްޑޭޓް ކުރި މައުލޫމާތުން އެނގެއެވެ.

އެވްރެޖްކޮށް ކޮންމެ ދުވަހަކު ސާމްޕަލް ނަގާ ނަންބަރަށް ބަލާއިރު، 7000 އެއީ ވަރަށް ބޮޑުތަން އިތުރު އަދަދެކެވެ. އެގޮތުން މި މަހުގެ ނުވަ ވަނަ ދުވަހުވެސް ޓެސްޓު ކޮށްފައި ވަނީ 4،580 މީހުންނެވެ. ނަމަވެސް އިއްޔެ މި އަދަދު ވަނީ 7،012 އަށް މަތިވެފައެވެ.

ބޮޑުޗުއްޓީއާ އަދި އީދާ ދިމާކޮށް ދަތުރު ކުރުމުގެ ހުއްދަ ދިނުން ވެގެން ދިޔައީ، ގިނަ ދުވަސްތަކެއް ވަންދެން މާލެއިން ބޭރަށް ނުދެވިފައި ތިބި މީހުންނަށް ރަނުގެ ފުރުސަތަކަށެވެ. ބެލެވޭ ގޮތުގައި ޓެސްޓު ކުރުން އެހާ ގިނަ ވެފައި މިވަނީ އެ ސަބަބާ ހުރެ އެވެ.