ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމާ އެކު ރާއްޖޭގެ ބައެއް ރިޒޯޓްތަކަށް ނުދިއުމަށް އިނގިރޭސިވިލާތުގެ ޓޫރިސްޓުންނަށް ޑޭވިޑް ހާޑިންހަމްގެ ފްރެންޑްސް އޮފް މޯލްޑިވްސް އިން ގޮވާލައިފި އެވެ.

އިނގިރޭސިވިލާތުގެ ޓޫރިޒަމް މަޖައްލާއެއް ކަމަށްވާ އައި ޓްރެވެލްގައި އިއްޔެ ބުނެފައި ވަނީ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމާ ގުޅިގެން "ފާހަގަކޮށްފައިވާ ވަކި ރިޒޯޓްތަކަކަށް ނުދިއުމަށް ގޮވާލާފައިވާ" ކަމަށެވެ.

"އިނގިރޭސިވިލާތުގައި ގާއިމްކޮށްފައިވާ ޑިމޮކްރަސީ އަށް ތާއީދުކުރާ ގްރޫޕެއް ކަމަށްވާ ފްރެންޑްސް އޮފް މޯލްޑިވްސް ބުނަނީ ރައީސް ނަޝީދު ވެރިކަމުން ދުރުކުރި އިންގިލާބަށް ބައެއް ރިޒޯޓްތަކުގެ ވެރިން ތާއީދުކޮށްފައިވާ ކަމަށެވެ. އަދި އިންތިހާބެއް ބޭއްވުމުގެ ކުރިން އެ ރިޒޯޓްތަކަށް ނުދިއުމަށް އެ ޖަމާއަތުން ޓޫރިސްޓުންނަށް ގޮވާލަ އެވެ." އައި ޓްރެވެލްސްގައިވެ އެވެ.

ފްރެންޑްސް އޮފް މޯލްޑިވްސް އަކީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ރާއްޖޭގެ ބައެއް ރިޒޯޓްތައް ބޮއިކޮޓް ކުރުމަށް ގޮވާލި ޖަމާއަތެކެވެ.

ރާއްޖޭގެ ސިޔާސީ ހަމަނުޖެހުންތައް ބޮޑުކަމުން ރާއްޖެ އަންނަން ހަދާފައިވާ 500 ބުކިން މިހާތަނަށް ކެންސަލްކޮށްފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ އާ ހަވާލާދީ ބޭރުގެ ޓޫރިޒަމް މަޖައްލާއަކުން އިއްޔެ ބުންޏެވެ. މަޓީއާ ހަވާލާދީ އެ މަޖައްލާގައި ބުނެފައި ވަނީ ބުކިންސްތައް ކެންސަލް ކުރުމުން 100 މިލިޔަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.

ފްރެންޑްސް އޮފް މޯލްޑިވްސްގެ ވެރިޔާ ޑޭވިޑް ހާޑިންހަމް ރައީސް މައުމޫންގެ ދުވަސްވަރު ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ރާއްޖެ އިން ޑިޕޯޓްކޮށްފައިވާ މީހެކެވެ.

ނަމަވެސް ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން އޭނާގެ ޑިޕޯޓްކެންސަލްކޮށް ރާއްޖެ އަށް އައުމުގެ ހުއްދަ ވަނީ ދެއްވާފަ އެވެ . އަދި އިނގިރޭސިވިލާތުގެ ސެލްސްބަރީގައި ހުންނަ ދިވެހި ކޮންސިއުލް ކަމުގައި އޭނާ ވަނީ ހަމަޖައްސާފަ އެވެ.

ނަމަވެސް އޭނާއަށް ދިވެހި ދައުލަތުން މުސާރައެއް ނުދޭކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ އޭރުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވިއެވެ.