11 Jul 2021, 13:50
ކޭޕް ޓައުން (ޖުލައި 11): ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖެކަބް ޒޫމާ ހައްޔަރު ކުރުމުން އެގައުމުގައި މުޒާހަރާކޮށް، ހަމަނުޖެހުންތައް ހިންގައިފިއެވެ.
ދެކުނު އެފްރިކާގެ ދުސްތޫރީ ކޯޓުން މިދިޔަ މަހުގެ 29ގައި ޒޫމާ 15 މަހަށް ޖަލަށް ލާން ކުރި ހުކުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު އޭނާ ވަނީ ފުލުހުންނާ ހަވާލުވެ، ހުކުމް ތަންފީޒު ކުރަން ފައްޓަވާފަ އެވެ. އޭނާ ހައްޔަރު ކުރުމާ ދެކޮޅަށް މުޒާހަރާ ކުރަނީ ޒޫމާގެ އުފަން ޕްރޮވިންސް ކަމަށްވާ ކުވާޒޫލޫ ނެޓާލްގައެވެ.
އެ ޕްރޮވިންސުގެ ފުލުހުންގެ ތަރުޖަމާނު ޖޭ ނައިކާ ވިދާޅުވި ގޮތުގައި މުޒާހަރާގެ ބައިވެރިން ވަނީ އުޅަނދުތަކެއްގައި ރޯކޮށް، ފިހާރަތައް ލޫޓުވާފަ އެވެ. އަދި އެ ހަމަނުޖެހުންތަކުގައި ވައްކަމާއި މުދަލަށް ގެއްލުން ދިނުމާއި ކޮވިޑް-19އާ ގުޅުން ހުރި ފިޔަވަޅުތަކާ ހިލާފުވުމުގެ ދައުވާގައި މިހާރު 28 މީހަކު ހައްޔަރުކޮށްފަ އެވެ.
އެ ހަމަނުޖެހުންތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށްވެސް ނައިކާ ވިދާޅުވި އެވެ.
ޒޫމާ ޖަލަށް ލާން ހުކުމް ކުރީ އޭނާ ވެރިކަމުގައި ހުންނެވި އިރު ހިނގިކަމަށް ބެލެވޭ ކޮރަޕްޝަނުގެ މައްސަލައެއްގައި ތަހުގީގަށް ހާޒިރުވާން ދެކޮޅު ހެދުމުން، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ސާބިތުވުމުންނެވެ.
އެ މައްސަލައަކީ ޒޫމާ 2009 އިން 2018 އަށް ވެރިކަމުގައި ހުންނެވި އިރު އޭނާއާ ގާތް ވިޔަފާރިވެރިންނަށް ދައުލަތުގެ ފައިސާ ބޭނުން ކުރުމަށާއި ގައުމުގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވަން ފުރުސަތު ދިން ކަމުގެ ތުހުމަތުގައި ބަލަމުންދާ މައްސަލައެކެވެ.
މީގެ އިތުރުން، 1990ގެ އަހަރުތަކުގައި ޒޫމާ ނައިބު ރައީސްގެ ގޮތުގައި ހުންނެވި އިރު ސަރުކާރުން ހަތިޔާރު ގަތުމަށް ހެދި އެއްބަސްވުމެއްގައި ރިޝްވަތު ނެންގެވުމުގެ ދައުވާތަކެއްވެސް އޭނާގެ މައްޗަށް ކޮށްފައިވެ އެވެ.
ޒޫމާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.
ދެހާސް އަށާރައިގައި ޒޫމާ ރައީސް ކަމުން އިސްތިއުފާ ދެއްވީ އޭނާގެ އެފްރިކަން ނެޝަނަލް ކޮންގްރެސް (އޭއެންސީ) ޕާޓީން އެކަމަށް ޕްރެޝަރު ކުރުމުންނެވެ. އެ ޕާޓީގެ ގިނަ މެމްބަރުންތަކެއް ޒޫމާއާ ދެކޮޅަށް ތެދުވީ އޭނާ އާއި މުޅި ޕާޓީއަށްވެސް އޮތް ތާއިދު ކުޑަ ވަމުން ދަނިކޮށެވެ.
މިހާރުވެސް ވެރިކަމުގައި އޮތް އޭއެންސީގައި އަދިވެސް ޒޫމާއަށް ތާއިދު ކުރާ ފެކްޝަނެއް އޮވެ އެވެ. އަދި އޭނާ ހައްޔަރު ކުރުމުން އެ ޕާޓީގައި ބައިބައިވުންތައް އިތުރުވެ، މިހާރުގެ ރައީސް ސައިރިލް ރަމްފޯސާއަށް ދަނީ ފާޑުކިޔުންތައް އަމާޒު ވަމުންނެވެ.